އެންމެ ހަލުވިކަމާ އެކު ބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ
އެންމެ ހަލުވިކަމާ އެކު ބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ

ނިއު ދިއްލީ (ޖޫން 7) - ކޮރޯނާވައިރަސް އެންމެ ހަލުވިކަމާ އެކު ފެތުރޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނި، ބައެއް ސަރަހައްދުތަކުގެ ސިއްހީ ނިޒާމަށް އޮބިނޯންވަރަށް ކޭސްތައް އިތުރުވެއްޖެ އެވެ.

އެންމެ ހަލުވިކަމާ އެކު ބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ
އެންމެ ހަލުވިކަމާ އެކު ބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާގައި ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 10,438 މީހުން ޕޮޒިޓިވްވެ، ޔޫރަޕުގައި ކުރިން އެންމެ ބާރަށް ބަލި ފެތުރުނު އިޓަލީގައި ޕޮޒިޓިވްވި މީހުންނަށް ވުރެ އިތުރުވެފަ އެވެ. މިއަދުގެ މިހާތަނަށް ވެސް އިންޑިއާގައި ވަނީ 1,056 މީހުން ޕޮޒިޓިވްވެ ހަ މީހުން މަރުވެފަ އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތަކަށް ބަލާއިރު އިންޑިއާ އަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމުތަކަށް ބަލާއިރު ހަ ވަނަ އެވެ. މީހުން މަރުވާ ރޭޓަށް ބަލާއިރު 12 ވަނަ އެވެ. މިހާތަނަށް 247,678 މީހުން ޕޮޒިޓިވްވެ 6،952 މީހުން ވަނީ އެ ގައުމުން މަރުވެފަ އެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ މުމްބާއީގެ ސިއްހީ ނިޒާމަށް ނުތަކައިގެންދާ އިރު ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލްތައް ފުރި އިތުރަށް މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ވަނީ ގޮސްފަ އެވެ. އިންޑިއާގައި ޓެސްޓްކުރެވޭ ރޭޓް ދަށްވުމާއި ބަލިޖެހިފައިވާކަން ނޭނގި ވެސް އެތައް ހާސް ބަޔަކު ތިބޭނެ ކަމަށް ބެލެވޭތީ އެ ގައުމުގެ ޕީކަށް ދިޔަކަން ބުނަން ނޭނގޭ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ބަލި މީހުންނަށް ފަރުވާ ނުދެވޭ ކަމުގެ ޝަކުވާ އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ. ބައެއް ހޮސްޕިޓަލްތަކުން ބުނި ގޮތުގައި އެ ތަންތަނުގައި ޓެސްޓް ކިޓެއް ވެސް ނެތެވެ.

އިންޑިއާގައި ބާރަށް ބަލި ފެތުރުނު ނަމަވެސް ލޮކްޑައުން އަށް ދޭން ފެށި ލުއިތަކުގައި މިއަދުން ފެށިގެން ވަނީ ޝޮޕިން ސެންޓަރުތަކާއި އަޅުކަންކުރާ ތަންތަން، ރެސްޓޯރެންޓާއި ކޮފީ ޝޮޕްތައް ހުޅުވަން ނިންމައިފަ އެވެ.

ތަޖްރިބާކާރުން ބުނަނީ އިންޑިއާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އެހާ ބޮޑުތަނުން އިތުރުވުމުގެ މާނައަކީ ލޮކްޑައުން ކާމިޔާބު ނުވުމެވެ. ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ ގޮތުގެ މޮޑެލްތައް ހަދާ ޕްރޮފެސަރަކު ވިދާޅުވެފައި ވަނީ އިންޑިއާ ލޮކްޑައުން އަށް ލުއިދޭން މަޖްބޫރުވީ އިގްތިސާދީ، އިޖްތިމާއީ އަދި ނަފްސާނީ ގޮތުން ލިބޭ ގެއްލުމަށް ބަލާއިރު، އެނޫން ގޮތެއް ނެތިގެން ކަމަށެވެ.