07 ޖޫން 2020 - 14:23

ލަންޑަން (ޖޫން 7) – އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އިއްޔެ ޓެސްޓްކުރިއިރު ޕޮޒިޓިވް އެންމެ ކޭހެއް ވެސް ފެނިފައިނުވާތީ، މި މަހު 17 ގައި ލީގު އަލުން ފެށުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.
ޕްރިމިއާ ލީގުން ކުރަމުން އަންނަ ސިލްސިލާ ޓެސްޓް ބުރުގެ ތެރެއިން، ހަ ވަނަ ބުރުގެ ޓެސްޓްކުރުން ބޭއްވީ ބުރާސްފައްޗާއި ހުކުރުގަ އެވެ. ކުޅުންތެރިންނާއި ކްލަބްތަކުގެ އޮފިޝަލުން (މުވައްޒަފުން) ހިމެނޭ ގޮތަށް 1195 މީހަކު ޓެސްޓްކުރި އެވެ.
މިދިޔަ ހަފުތާގައި ކުރި ފަސް ވަނަ ބުރުގެ ޓެސްޓުން ޕޮޒިޓިވްވީ އެންމެ މީހެކެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކުޅުންތެރިޔެއް ނުވަތަ އޮފިޝަލެކެވެ. ޕްރިމިއާ ލީގުން ޖުމްލަ ހަ ބުރެއްގެ މަތިން ކުރި 6274 ޓެސްޓުގެ ތެރެއިން ޕޮޒިޓިވްވީ އެންމެ 13 މީހެކެވެ. މި ޓެސްޓް ބުރުތައް ހަފުތާއަކު ދެ ފަހަރުގެ މަގުން ކުރިއަށް ގެންދާނެ އެވެ.
ޕްރިމިއާ ލީގުގެ ކުޅުން މާޗު މަހު މެދުކަނޑާލީ ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެން ފެށުމުންނެވެ. މި ސީޒަނުގެ ލީގު ހުއްޓާލަފާނެ ކަމަށް ބެލެވުނު ނަމަވެސް އެއްބަސްވެވުނީ ކުރިއަށްގެންދާ ގޮތަށެވެ. ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓަސް ވިދާޅުވެފައިވާ ގޮތުގައި ޖޫން 17 ގައި އަލުން ފަށަން އެއްބަސްވި ނަމަވެސް ސަލާމަތީ ކަންކަން ފުރިހަމަނުވާ ނަމަ މި ދުވަސް ކަށަވަރެއް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އެންމެ އިސްކަންދޭނެ ކަމަކީ ހުރިހާ ބައިވެރިންނާއި ސަޕޯޓަރުންގެ ސިއްހަތު ކަމަށްވާތީ އެވެ. އެކަމަކު އެންމެ ފަހުގެ ޓެސްޓް ނަތީޖާ ރަނގަޅަށް ދައްކާތީވެ ލީގު ފެށުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިހާރު ރާވާފައިވާ ގޮތުން ލީގުގެ ފުރަތަމަ ދުވަހު އޮންނާނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑުގެ މެޗާއި މެންޗެސްޓާ ސިޓީ އާއި އާސެނަލްގެ މެޗުތަކެވެ. އޭރަށް އެ ދެ ޓީމަށް 29 މެޗު ހަމަވާނެ އެވެ. އެހެން ހުރިހާ ޓީމެއް ވަނީ މެދުކަނޑާލިއިރު 29 މެޗު ފުރިހަމަކޮށްފަ އެވެ. އަދި ހުރިހާ ޓީމަކާ އެކު ފުލް ބުރެއް ފަށާނީ 19 ވަނަ ދުވަހު އެވެ. މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.