ކިރިޔާ ލަސްވިޔަސް ބޯޓު ސަލާމަތެއް ނުވީސް: ފަޅުވެރިން
ކިރިޔާ ލަސްވިޔަސް ބޯޓު ސަލާމަތެއް ނުވީސް: ފަޅުވެރިން

ގދ. ގައްދޫގައި ދުއްވާ މާލެ ދަތުރުކުރާ މުދާ އުފުލާ ބޯޓެއް އިންޖީނު ހުއްޓި ފަރަށް އަރަނިކޮށް އެ އަތޮޅުގެ މަސްދޯންޏެއްގެ އެހީގައި ބޯޓު ސަލާމަތްކޮށްފި އެވެ.

ކިރިޔާ ލަސްވިޔަސް ބޯޓު ސަލާމަތެއް ނުވީސް: ފަޅުވެރިން
ކިރިޔާ ލަސްވިޔަސް ބޯޓު ސަލާމަތެއް ނުވީސް: ފަޅުވެރިން

ހުވަދު އަތޮޅަށް ވަރަށް ބޮޑަށް ވިއްސާރަވެ ކަނޑު ގަދަވެފައިވާއިރު، ގައްދޫ އެކްސްޕްރެސް ބޯޓުގެ އިންޖީނު ހުއްޓުނު އިރު އެ ބޯޓު އޮތީ އެ އަތޮޅު ދާންދޫ ކައިރީގައި އޮންނަ "ވޮޑަމުލަ" ފަރާ ވަރަށް ކައިރީގަ އެވެ. މޯލްޑިވްސް ފިޝަމޭން އިން ޓުވީޓުކޮށްފައިވާ ގޮތުގައި އެ ބޯޓު ސަލާމަތްކޮށްފައި ވަނީ ކައިރީގައި އޮތް މަސް ދޯންޏެކެވެ.

ބޯޓު ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ޑެއިސީވިއު ނަމަކަށް ކިޔާ މަސްދޯނީގެ ފަޅުވެރި އަހުމަދު ޝާފިއު "މިހާރު" އަށް ބުނި ގޮތުގައި، އެ މަސްދޯންޏާ ބޯޓާ އެއްވެސް ގުޅުމެއް ނެތެވެ. އެހެންނަމަވެސް އެ ބޯޓަކީ ގެމަނަފުއްޓަށް މުދަލާ އެކު އެ ދުވަހު ދާން އޮތް ބޯޓެއް ކަމުން، އެ ބޯޓުގައި އެ ދޯނީގެ ބައެއް މުދާ ވެސް ހުރި ކަމަށް އޭނާ ބުންޏެވެ. އަދި ބޯޓު ވީ ހިސާބެއް ބެލީ ވިއްސާރަވީމަ އެ މުދާކޮޅު އެ ދުވަހު ލިބޭނެތޯ ބެލުމަށް ކަމަށް އޭނާ ބުންޏެވެ.

"ވިއްސާރަވީމަ ދެން އެ ދުވަހު ބޯޓު ނާންނާނެ ކަމަށް ހީކުރީ. އެހެންވެ އެންމެން އެންމެނަށް ކުރި ބަހުސަކަށް ފަހު ބަލާލީ ބޯޓުވީ ހިސާބެއް، އޭރު އޮތީ އަތޮޅަށް ވަދެ ދާންދޫ ކައިރީ އޮންނަ ވޮޑަމުލާ ފަރު ކައިރީގައި،" ޝާފިއު ކިޔައިދިނެވެ.

"އަނެއްކާ ފަސްމިނެޓު ފަހުން ބެލި އިރު ވެސް ހަމަ އެތާ ގައި. ދެން ވިއްސާރަ ވީމަ ގޯހެއް އުޅޭހެން ހީވާތީ އަޅުގަނޑުމެން ގުޅާލީ ގުޅީމަ އިވުނީ އެންމެން ރޮއެ ނަގާ އަޑު."

އޭނާ ބުނި ގޮތުގައި އޭރު ގަޑިން އިއްޔެ 5:35 އެވެ. އޭރު މަސް ދޯންޏާއި ބޯޓާ ދެމެދުގައި ހަތަރު މޭލުގެ ދުރުމިނެއް ހުއްޓެވެ. ވީ އެންމެ އަވަހަކަށް ގޮސް ބޯޓު ސަލާމަތްކުރަން މަސައްކަތް ފެށި އިރު، ބޯޓު ކޮންމެވެސް ވަރަކަށް ދިޔަވަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ވާ ޖެހީމަ ކަނޑައިގެން ދިޔައީ، އަނެއްކާ ދެވަނަ ފަހަރަށް ވާޖަހައިގެން ބޯޓު ދެމުނީ، އެކަމަކު ވެސް ބޯޓަށް އެކިވަރުގެ ގެއްލުންވި،" އޭނާ ބުންޏެވެ.

މި ހާދިސާ ދިމާވި، އެކްސްޕްރެސް ބޯޓުގެ ފަޅުވެރި މުހައްމަދު ފައިސަލް "މިހާރު"އަށް ބުނި ގޮތުގައި ހާދިސާ ހިނގާފައި ވަނީ ފަތިހު ހަތަރެއް ޖަހާކަން ހާއިރެވެ. އަދި އެކަން ހިނގީ ކަނޑުގަދަވެގެން ނޫން ކަމަށާއި ކަނޑުމަތީގައި އޮއްވާ އިންޖީނު ހުއްޓުނީ ކަމަށް އޭނާ ބުންޏެވެ. އަދި އިންޖީނު ހުއްޓިފައިވަނީ ބުރަފަތީގައި އެއްޗެއް އޮޅިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ހާދިސާ ހިނގުމުން އެންމެ ފުރަތަމަ ވެސް އެންގީ ކޯސްޓްގާޑަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ފައިސަލް ބުނި ގޮތުގައި ސަލާމަތްކުރަން ދިޔަ ދޯންޏަކީ ދަަންނަ ބައެއް އުޅޭ ދޯންޏެއް ވެސް ނޫނެވެ. އެ ދޯނިން ގުޅި އިރު ވެސް ތިބީ އެކި ރައްޓެހި ދޯނިތަކާއި ބޯޓުތަކަށް ގުޅައި އެހީއަށް އެދިއެދި ކަމަށް އޭނާ ބުންޏެވެ.

"ޑެއިޒީ ދޯންޏަށް އާދެވުނު އިރު ބޯޓު އޮތީ ހަމަ 15 ވަރަކަށް ފޫޓު ފަރަށް ނާރާ ސަލާމަތުން، މިނެޓެއް ހާއިރު ލަސްވި ނަމަވެސް ބޯޓު ސަލާމަތް ނުވީސް،" ފައިސަލް ބުންޏެވެ.

ބޯޓު ސަލާމަތްކުރަން ކުރި މަސައްކަތުގެ ތެރެއިން ދެތިން ފަހަރަކު ފަރުގައި ޖެހި ބޯޓަށް އެކިވަރުގެ ގެއްލުން ވީ ނަމަވެސް މަރާމާތުކޮށްގެން އެ ދޯނީގެ އެހީގައި މިހާރު ގެމަނަފުއްޓަށް ބޯޓު ވަނީ ގެންގޮސްފަ އެވެ.