18 އޮކްޓޯބަރ 2016 - 14:51

ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އަންނަނިކޮށް އިއްޔެ މަރުވި ފަސް މަހުގެ ކުއްޖާގެ މަރުގެ ހަގީގަތް ދެނެގަންނަން ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ ޕޯސްޓްމޯޓަމް ހަދަން ނިންމީ އެ ކުއްޖާ މަރުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށްވުމުން މަރުގެ ހަގީގަތް ދެނެގަތުމަކީ ތަހުގީގަށް މުހިއްމު ކަމެއްގެ ގޮތުގައި ފެންނާތީ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ވާންޖެހޭ ތައްޔާރީތައް ފުލުހުންނާއި އެހެން އިދާރާތްތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި" ގައި ގެންގުޅުނު ކުއްޖަކު މަރުވެގެން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ މެންދުރުވާން އުޅެނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ކުއްޖާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ނުވަ އަހަރުން ދަށުގެ ކުދިން ބަލަހައްޓަން ހާއްސަ މަރުކަޒެއްގެ ގޮތުގައި ފިޔަވަތި ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަރުކަޒުގައި މިހާރު ވެސް 85 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ.