08 ޖޫން 2020 - 10:26

ހުޅުމާލޭ ފަޅުތެރޭގައި ޕްލާސްޓިކް ކުނި އޮތްމިންވަރު ވަޒަންކޮށްލަން، ސްޓެލްކޯއިން އާއްމު ކުރި މި ފޮޓޯ ވެސް ފުދޭނެ އެވެ. ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ޕަވަޕްލާންޓަށް ފިނިކުރަން، މޫދަށް ގުޅާފައި އޮންނަ ހޮޅި ސާފުކުރަން ނެގި އިރު، ހޮޅީގެ ފިލްޓަރު އޮތީ ކުނިން ފުރިފަ އެވެ. ކޮތަޅާއި އެކި ވައްތަރުގެ ޕްލާސްޓިކެވެ. އެކަމަކު މިއީ މަހަކު ތިން ހަތަރު ފަހަރު ސާފުކުރާ ސަރަހައްދެއް ކަމަށް އެ މަސައްކަތް ކުރާ މީހުން ބުންޏެވެ.

ސްޓެލްކޯ އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގާއިމްކުރި ޕަވާ ޕްލާންޓުގެ ކޫލިން ސިސްޓަމަށް ގުޅާފައިވާ މި ހޮޅި އަޅާފައި އޮންނަނީ ހުޅުމާލޭގައި މަސް ދޯނި ފަހަރު އަޅާފައި އޮންނަ ސަރަހައްދުގަ އެވެ. ކުނިން ސަލާމަތް ކުރުމަށް، ހޮޅި އޮންނަ ސަރަހައްދު މޫދުގައި ވަށައިގެން ދާ ޖަހާފައި ހުރެ އެވެ. އެކަމަކު ބޮޑު ދިޔައިގެ އޮއެވަރާ އެކު އެތަނަށް ޖަމާވާ ކުނި އަބަދު ވެސް އޮޮންނަނީ ނަގަން ޖެހިފަ އެވެ.

"މަހަކު ތިން ހަތަރު ފަހަރު އަޅުގަނޑުމެން މި ސަރަހައްދު ސާފުކުރަން. ކޮންމެ ފަހަރަކު ވެސް ދިހަ ބާރަ ގޯނި ކުނި ނަގަން ޖެހޭ. ގިނައީ ހަމަ ޕްލާސްޓިކް،" ފެން ޕްލާންޓުގެ ޗީފް މެކޭނިކަލް އިންޖިނިއަރު އަދި ޑައިވިން ވެސް ކުރާ އަހުމަދު ޝަރުނީޒް ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ސަރަހައްދުން ގިނައިން ނަގަނީ ޕްލާސްޓިކް ކޮތަޅާއި ހުސް ފުޅި އާއި އޭގެ މައްޗާއި ފެންކޭސް ފަދަ ތަކެތި ބަންދުކުރަން ބޭނުންކުރާ ރެޕިން ފަދަ ތަކެއްޗެވެ. އަދި ލޮކްޑައުންގެ މި ދުވަސްވަރު، ގިނައިން ރަބަރު އަންގި ވެސް ފެންނަ ކަމަށް ބުންޏެވެ.
ޝަރުނީޒް ލަފާ ކުރާގޮތުގައި މިއީ އެ ސަރަހައްދުގައި އަޅާފައި އޮންނަ ދޯނިފަހަރުން މޫދަށް އުކާލާ ކުންޏެވެ.
އެ ސަރަހައްދުގައި، މަސްވެރިންނަށް ހާއްސަކޮށްގެން ކުނި އުކާލަން ވަކި ޑަސްބިނެއް ބަހައްޓައިފައެއް ނުހުރެ އެވެ. އެކަމަކު މިއީ މޫދަށް ކުނިއެޅެން ދެއްކެން އޮތް އުޒުރެއް ކަމަކަށް ޝަރުނީޒް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް މިފަދަ ކަންކަން ހުއްޓުވުމަށް މަސްވެރިންނަށް ފަސޭހައިން ކުނި އުކާލެވޭނެ ގޮތެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"ހަގީގަތުގައި މިކަން މަދުކުރެވޭނީ މޫދަށް ކުނި އެޅުމާ ގުޅޭގޮތުން މީހުން އަދިވެސް ހޭލުންތެރިކޮށްގެން،" ޝަރުނީޒް ބުންޏެވެ.
އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހުޅުމާލޭ ފަޅުތެރެއަށް އަޅާ މިފަދަ ކުނި ކަނޑަށް ބޭރުވެ، ކަނޑުގެ ދިރުންތަކަށް އޭގެ ސަބަބުން އަސަރުކޮށްފާނެތީ އެވެ.
ހުޅުމާލޭގެ ފަޅުތެރެއަށް ކުނި އަޅާ މައްސަލަ ކުރިން ވެސް ވަރަށް ބޮޑެވެ. ބައެއް ދުވަސްވަރު ހުޅުމާލޭން ފެރީ ނައްޓާލާ ސަރަހައްދުގައި މޫދު އެއްކޮށްހެން ފުރިފައި އޮންނަނީ ފެން ހުސްކުރި ޕްލާސްޓިކް ފުޅި އާއި ކޮތަޅު ފަދަ ކުނިންނެވެ.
ރާއްޖޭގެ ފަރުތަކުގެ މުރަކަތަކަށް ގެއްލުން ލިބި ހަލާކުވަމުން ދާއިރު އެކަމުގެ އެއް ސަބަބަކީ ވެސް މޫދަށް އަޅާ ކުންޏެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި، މިހާރު ހުރި މުރަކަ ފަރުތަކުގެ 70-90 ޕަސެންޓް ހަލާކުވެގެން ހިނގައިދާނެ ކަމަށް ތިމާވެއްޓާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.