07 ޖޫން 2020 - 15:47

ކެލިފޯނިއާ (ޖޫން 7) - ކަރަށް ފައިން އަރައިގެން ސިކުނޑި އަށް ލޭފޮނުވުން ހުއްޓިދާ ފަދަ އަނިޔާވެރި އަމަލުތައް ފުލުހުންގެ ތަމްރީން ޕްރޮގްރާމްތަކުގައި ބޭނުން ނުކުރުމަށް ކެލިފޯނިއާގެ ގަވަރުނަރު ގޭވިން ނިއުސަމް އަންގަވައިފި އެވެ.
ޑިމޮކްރެޓިކް ގަވަރުނަރެއް ކަމަށްވާ ނިއުސަން އެ ގޮތަށް އެންގެވި އިރު އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މިނިއާޕޮލިސް ސިޓީގެ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ގިނަ އިރު ހުރުމުގެ ސަބަބުން ވަނީ މަރުވެފަ އެވެ. ފުލުސް އޮފިސަރު، ފްލޮއިޑުގެ ކަރަށް ގާތްގަނޑަކަށް ނުވަ މިނިޓް ވަންދެން ކަކުލުން އަރައިގެން ހުއްޓެވެ. ފްލޮއިޑުގެ މަރާ އެކު މުޅި އެމެރިކާގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
އެ ހާދިސާ އަށް ފަހު އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ޕޮލިސް ޑިޕާޓްމަންޓްތަކުން އަންނަނީ ސިކުނޑި އަށް ލޭ ހިންގުން ހުއްޓޭ ގޮތަށް ކަރު ފިއްތާލުމުގެ އަދަބު ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރަމުންނެވެ. މިނިއާޕޮލިސްގެ ފުލުހުން ވެސް ވަނީ އެ އަދަބު ހުއްޓާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި އެއްވެސް ފުލުހަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާތަން އެހެން ފުލުހަކަށް ފެނިއްޖެ ނަމަ އެކަން ހުއްޓުވައި ރިޕޯޓް ކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ކެލިފޯނިއާގެ ގަވަރުނަރު ވިދާޅުވީ 21 ވަނަ ގަރުނުގައި އެފަދަ އަނިޔާވެރި އަދަބަކަށް ޖާގަ ނުދެވޭނެ ކަމަށެވެ.
ފްލޮއިޑް، 46، ހައްޔަރު ކުރަން ފުލުހުން ދިޔައީ މެއި 25 ވަނަ ދުވަހު ފިހާރައަކުން އޭނާ ސިނގިގޭޓް ގަތް 20 ޑޮލަރަކީ ވަގު ނޫޓް ކަމަށް ރިޕޯޓް ކުރުމުންނެވެ. ފުލުހުން ގޮސް ބިޑިއަޅުވައި ފްލޮއިޑް ބިންމައްޗަށް ވައްޓާލުމަށް ފަހު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރި ދޮން ނަސްލުގެ ފުލުސް މީހާ ޑެރެކް ޗައުވިންގެ މައްޗަށް ވަނީ މީހަކު މެރުމުގެ ދެ ވަނަ ދަރައިގެ ކުށުގެ ދައުވާކޮށްފަ އެވެ. ނޭވާ ނުލެވި މަރުވަނީ ކަމަށް ފްލޮއިޑް ގޮވަމުން ދިޔަ އިރު ވެސް އެ ފުލުސް މީހާ ވަނީ އެ ގޮތުގައި، އަށް މިނިޓް 46 ސިކުންތު ހޭދަކޮށްފަ އެވެ. އެ ފުލުސް މީހާ މާދަމާ ކޯޓަށް ހާޒިރުކުރާނެ އެވެ. އެ ވަގުތު އަނެއް ތިން ފުލުހުން ވެސް ފްލޮއިޑް ސަލާމަތް ކުރުމުގެ ބަދަލުގައި، ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. އެ ތިން ފުލުހުން ވެސް މިހާރު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.