ހައި ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް ބާއްވަން ނިންމައިފި
ހައި ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް ބާއްވަން ނިންމައިފި

ހައި ކޯޓުގެ ޝަރީއަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކަން އެ ކޯޓުން ނިންމައިފި އެވެ.

ހައި ކޯޓުން ކުރި ޓްވީޓެއްގައި ބުނީ ޝަރީއަތުގެ މަޖިލިސް، ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކަން ނިންމައި ފުރަތަމަ ޝަރީއަތް މިއަދު ހެނދުނު 11:30 ގައި އޮންނާނެ ކަމަށެވެ. އެއީ ދައުލަތާ ދެކޮޅަށް އަމިއްލަ މީހަކު ހުށަހެޅި ޖިނާއީ މައްސަލައެއްގެ އިސްތިއުނާފު އަޑުއެހުމެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅިގެން ޝަރީއަތްތައް މެދުކެނޑިފައި އޮތުމަށް ފަހު، ސުޕްރީމް ކޯޓުން ވެސް ވަނީ އޮންލައިންކޮށް ޝަރީއަތްތައް ލައިވްކުރަން ފަށައިފަ އެވެ. އޭގެ ފުރަތަމަ މައްސަލަ މިދިޔަ އަންގާރަ ދުވަހު ބާއްވާފައި ވެ އެވެ.

ސިިވިލް ކޯޓުގެ ޝަރީއަތްތައް ވެސް ފަހުން އޮންލައިންކޮށް ގެންދަން ނިންމާފައި ވެ އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ފެށުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ އެކަމަށް ތައުރީފު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ނިންމުމަކީ ތާރީޚީ ބޮޑު ބަދަލެއް ކަމަށާއި ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޝަރީއަތްތައް އަވަސްވެ، އިންސާފު ހޯދަން ހިނގަން ޖެހޭ މަގު ކުރުވެގެންދާނެ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

"އިންސާފު ހޯދަން ހިނގަން ޖެހޭ ދިގު މަގު ކުރުވެގެން ދާނެ. ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފް ލިބޭކަން އިހުސާސް ކުރެވޭނެ،" ޓްވީޓްގައި ރިފްއަތު ވިދާޅުވި އެވެ.

ހައި ކޯޓުން މީގެ ކުރިން ވަނީ ސަރުކާރު ބަންދުކޮށްފައިވާ މި ދުވަސްވަރު ބައެއް ޝަރީއަތްތައް ގެންދަން ނިންމައި އެކަމާ ގުޅޭ އުސޫލެއް އެކުލަވާލައިފަ އެވެ.

މިދިޔަ އޭޕްރީލް މަހު އާއްމުކުރި އުސޫލުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި އެ ކޯޓުން ކުރިއަށް ގެންދާނީ ބަންދު އަމުރާއި ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތަކުގެ މައްސަލަތަކުގެ އިތުރުން ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެދިފައިވާ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި އަޑުއެހުން ނިމިފައިވާ މައްސަލަތަކެވެ. އެކަމަކު، އެހެން ބާވަތުގެ މައްސަލައެއް ކަމަށް ވިޔަސް، އެ މައްސަލައެއް އަވަހަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ފެނިއްޖެ ނަމަ، އެ މުއްދަތުގައި އެ މައްސަލައެއްގެ ޝަރީއަތް ހިންގިދާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.