07 ޖޫން 2020 - 01:04

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ރަނގަޅުވުމުން ދޫކޮށްލާއިރު، އިތުރު ޓެސްޓެއް ނުހަދާ ގޮތަށް އެޗްޕީއޭ އިން ނިންމައިފި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ރަނގަޅުވުމުން މިހާތަނަށް ދޫކޮށްލަމުން އައީ ދެ ޓެސްޓެއްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.
ނަމަވެސް ރޭ ބޭއްވި މީޑިއާ ބްރީފިންގައި، ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ (ޓެގް) ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އެ އުސޫލު މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ބަލި ޖެހުނު މީހުން ދޫކުރަމުން އައީ ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ކަމަށެވެ. އެ ޓެސްޓުގެ ނަތީޖާ 3-4 ހަފުތާ ފަހުން ވެސް ޕޮޒިޓިވް ކަމަށް ދައްކަ އެވެ. އެކަމަކު، އެންމެ ފަހުގެ ދިރާސާތަކަށް ރިއާޔަތްކޮށް، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ބަލި ޖެހޭތާ 10 ދުވަސް ފަހުން، ކޮވިޑް-19 ގައިންގަޔަށް ނާރާނެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ޖެހޭ މީހުންގެ ދެވަނަ ޓެސްޓު ކުރުމުގައި ރާއްޖޭގައި ގެންގުޅުނު އުސޫލަށް ބަދަލު ގެނައީ އެންމެ ފަހުގެ ދިރާސާތަކަށް ބަލައިގެން ކަމަށެވެ.
ރާއްޖޭގައި ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، އާދައިގެ ރޯގާ ޖެހޭ މީހުން ނުވަ ވަރަކަށް ދުވަސް ތެރޭގައި އެއްކޮށް ކަހަލަ ގޮތަކަށް ރަނގަޅުވާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް ބޮޑަށް ބަލިވާ މީހުންގެ ހަށިގަނޑުން އަނެއް މީހާގެ ހަށިގަނޑަށް ވައިރަސް ދިއުމުގެ ފުރުސަތު އޮތްކަން ވެސް ދިރާސާތަކުން ހާމަަވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ކޮވިޑް-19 ޖެހި ބޮޑަށް ބަލިވާ މީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ދޫކޮށްލާނީ 21 ދުވަސް ފަހުން، ބަލިން ރަނގަޅުވާތާ ތިން ދުވަސް ހަމަވުމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މިފަދަ މީހުން ދޫކޮށްލުމުގެ ކުރިން ޕީސީއާރު ޓެސްޓު ނުހަދާ ގޮތަށް ނިންމިޔަސް އެކިއެކި އެހެން ބަލިތަކުގެ ފަރުވާ އަށް ބާރުގަދަ ބޭސް ބޭނުންކުރާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން (އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، ބޮޑެތި އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން) ދޫކޮށްލާނީ ޓެސްޓު ހެދުމަށް ފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެއިން މިހާތަނަށް 1،901 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 736 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާތަނަށް އަށް މީހަކު ވަނީ މަރުވެފަ އެވެ.