ސްކޫލުތަކަށް 500 ތާމޮމީޓަރު ހޯދަން އިއުލާނުކޮށްފި
ސްކޫލުތަކަށް 500 ތާމޮމީޓަރު ހޯދަން އިއުލާނުކޮށްފި

ސްކޫލުތަކުގައި އަލުން ކިޔަވައިދޭން ފަށަންވާއިރަށް އެ ތަންތަނަށް ތާމޮމީޓަރު ހޯދަައިދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ސްކޫލުތަކުގައި ބޭނުންކުރުމަށް ޑިޖިޓަލް އައިއާރުގެ 500 ތާމޮމީޓަރު ބޭނުންވާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވަނީ ބީލަން ހުށަހަޅަން ހުޅުވާލައިފަ އެވެ.

އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް https://bit.ly/2Y3cevP މެދުވެރިކޮށް، ފޯމު ހުށަހަޅައިގެން ރަޖިސްޓަރީ ކުރެވޭނެ އެވެ. ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

ސްކޫލުތަކަށް 12،000 އަށް ވުރެ ގިނަ ސައިބޯނި ފުޅި ހޯދައިދޭނެ ބަޔަކު ހޯދަން ވެސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ. ރާއްޖެ އަށް ވެސް ފެތުރިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ގިނަގިނައިން އަތް ދޮވުމާއި އަތް ސެނިޓައިޒް ކުރުމެވެ. އަދި އެ ބަލި ޖެހިފައިވާކަން ދެނެގަތުމަށް ހުން ބެލުމަކީ މުހިއްމު ކަމެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ބަންދުކޮށްފައިވާއިރު، ނިއު ނޯމަލްގައި ކިޔަވައިދިނުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުުންނެވެ. ސަރުކާރުން ބުނެފައިވަނީ އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވާނީ މި މަހުގެ 14 ގައި ކަމަށެވެ.

ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކޫލަށް ވަނުމުގެ ކުރިން ގޭޓުކައިރިން ދަރިވަރުންގެ ހުން ހުރި މިންވަރު ބެލޭނެ ގޮތްތައް ހަމަޖައްސަމުން އަންނަކަމަށެވެ.

ސަރުކާރުގެ 213 ސްކޫލެއްގައި 70،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ.