06 ޖޫން 2020 - 21:38

"ދިރާގު ޕްލޭ" ގެ ނަމުގައި މުނިފޫހިފިލުވުމުގެ ތަފާތު ކޮންޓެންޓް ސްޓްރީމް ކުރެވޭ އެޕްލިކޭޝަނެއް ދިރާގުން ތައާރަފްކޮށްފި އެވެ.
ދިރާގު ޕްލޭ އަކީ ހަމައެކަނި ލައިވް ޓީވީ ބަލައިލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕުން ޕްރޮގްރާމްތައް ރިކޯޑް ވެސް ކޮށްލެވެ އެވެ. ހަދާން ނެތިގެން ބޭނުންވާ ޕްރޮގްރާމެއް ބަލައި ނުލެވިއްޖެ ހާލަތެއްގައި، އަލުން އެ ޕްރޮގްރާމެއް ބަލައިލެވޭނެ އެވެ. އެއާއެކު ބަލަމުން ގެންދާ ޕްރޮގްރާމެއް ބަލަމުން ދާއިރު، އަލުން އެ ޕްރޮގްރާމްގެ ވަކި ހިސާބަކުން ފަށައިގެން ވެސް ބަލައިލެވޭނެ އެވެ.
ދިރާގު ޕްލޭގައި ހިމެނޭ ތަފާތު ފީޗާތަކުގެ ތެރޭގައި ލައިވް ރެކޯޑިން އާއި ރީސްޓާޓް އާއި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއް ފަހަރާ ބޭނުންކުރުމުގެ އިތުރުން ދިރާގު ވީޑިއޯ އޮން ޑިމާންޑާއި ޓީވީ ޕްރޮގްރާމް ގައިޑް އަދި ކެޗްއަޕް ފީޗާ ހިމެނެ އެވެ.
މި އެޕްލިކޭޝަން މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޏެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާ އެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފާ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސް ދުވަހަށް ލިބޭނެ އެވެ. މި ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ މި މަހުގެ 15 ގެ ނިޔަލަށެވެ. އެ އަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު 30 ރުފިޔާ އަށް ބޭނުން ކުރެވޭނެ އެވެ. ޕެކޭޖްގެ ވެލިޑިޓީ އަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ.
މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު ވެސް 23 ޗެނަލް ބަލައިލެވޭނެވެ. ދިރާގުން އަންނަނީ ދިރާގު ޕްލޭ އަށް އިތުރު ކޮންޓެންޓާއި ޗެނަލްތައް ހިމެނުމުގެ މަސައްކަތް ކުރަމުންނެވެ. މި އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.