06 ޖޫން 2020 - 21:08

ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި ހަގީގަތާ ހިލާފު ވާހަކަ ދައްކާފައިވާ ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފި އެވެ.
މާލޭގައި ހިންގާ ޓެކްސީ ސެންޓަރުތަކުގެ ތެރެއިން ގިނަ ޓެކްސީ ސެންޓަރުތަކުގެ ތައްގަނޑު ޖަހައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ ޓެކްސީތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާތީ ހިތާމާކުރާ ކަމަށެވެ. އަދި މި ދަނޑިވަޅު ޓެކްސީ ޑްރައިވަރުން ނިކަމެތި ކުރުމަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒުބައިރު ވަނީ ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ޓެކްސީ ޑްރައިވަރުންނާ ދެ ފަހަރު ބައްދަލުކޮށް އެ މީހުން ބޭނުންވާ ކަންތައް އޮޅުންފިލުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރިލީފް ލޯނާ ގުޅިގެން ޑްރައިވަރުންގެ ހިޔާލު ހިއްސާ ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޓެކްސީ ސެންޓަރުތަކުން ބުނީ އެ ލޯނު ދިނުމަށް ސެންޓަރުތަކުންނާއި ޑްރައިވަރުން ހުރިހާ ބައްދަލުވުމެއްގައި ވެސް އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން ޑްރައިވަރުންގެ ރައްކާތެރިކަމަށް ބޭނުންވާ މާސްކު ފަދަ ތަކެތި އެ މިނިސްޓްރީން ފޯރުކޮށްދިން ކަމަށް ބުނެ އަލީ ޒުބައިރު ދޮގު މައުލޫމާތު ދެއްވި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ޓެކްސީ ސެންޓަރުތަކުން ބުނީ މިހާތަނަށް އެއްވެސް ސެންޓަރަކަށް އަދި ޑްރައިވަރަކަށް ރައްކާތެރިކަމަށް ބޭނުންވާ އެއްވެސް އެއްޗެއް ސަރުކާރުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
ޓެކްސީ ސެންޓަރުތަކުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީން ލޮކްޑައުންގެ ކުރިން ބޭއްވި ފުރަތަމަ ބައްދަލުވުމަކީ ކަރަންޓީން ނިންމާފައި އަންނަ މީހުންނަށް ހިދުމަތް ދޭން ގިނަ ޓެކްސީތައް ނެރުމާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި، އޭރު ރޯދަ މަސް އަންނާތީ ރިލީފް ލޯނު ބޭނުންވެގެން ވާހަކަ ދައްކާފައި ވާނެ ކަމަށާއި ފޭސް މާސްކާއި އަންގި އަދި ސެނިޓައިޒާ ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ލޮކްޑައުން އަށް ފަހު ވެސް ޓެކްސީތަކުން އެދިގެން ބައްދަލުވުންތަކެއް ވަނީ ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގައި ރިލީފް ޕެކޭޖަށް އެދުމުގައި ހުރި ދަތިތަކާއި އެ ޕެކޭޖަށް ޝަރުތު ހަމަނުވާކަން ޑްރައިވަރުން ވަނީ ހިއްސާކޮށްފަ އެވެ. އަދި އޭގައިވާ ގޮތުން، އާމްދަނި ނުލބި ގިނަ ދުވަސްވެފައި ވާތީ އަތްމަތި ދަތިވުމުގެ ސަބަބުން ޓެކްސީތައް ޑިސްއިންފެކްޓު ކުރާނެ ސާމާނު ހޯދައިދިނުމަށް ވެސް ޑްރައިވަރުން އެދުނެވެ. ނަމަވެސް ޑްރައިވަރުންގެ މި އެދުންތަކަށް މިނިސްޓްރީން އިޖާބަ ނުދިން ކަމަށް ވަނީ ބުނެފަ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި އެދިގެން އެއްވެސް އެހީތެރިކަމެއް ނުލިބުމުން ޓެކްސީ ސެންޓަރުތަކުން ވަނީ އެހީ ހޯދުމަށް އަމިއްލަ އަށް ވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން، ޖުމްހުރީ ޕާޓި މެދުވެރިކޮށް ޓްރާންސްޕޯޓު މިނިސްޓްރީ އަށް އެހީއަށް ވެސް ވަނީ އެދިފަ އެވެ. މީގެ އިތުރުން މިކަންތައްތައް ހާމަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވި ކަމަށް ވެސް ޓެކްސީ ސެންޓަރުތަކުން ބުންޏެވެ.