ޓްރަމްޕާ ދެކޮޅަށް ވާހަކަ ދެއްކި އަންހެނުން ހަދާފައިވަނީ ދޮގު: މެލަނިއާ
ޓްރަމްޕާ ދެކޮޅަށް ވާހަކަ ދެއްކި އަންހެނުން ހަދާފައިވަނީ ދޮގު: މެލަނިއާ

ވޮޝިންޓަން (އޮކްޓޯބަރު 18) - ފިރިމީހާއާ ބެހޭ ގޮތުން ޖިންސީ ވާހަކަތައް ދެއްކި ހުރިހާ އަންހެނުން ވެސް ހަދާފައި ވަނީ ދޮގު ކަމަށް އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރެޒެންޓަރު ބިލީ ބުޝްއާ ޓްރަމްޕް ދައްކަވާފައިވާ ޖިންސީ ވާހަކަތަކެއްގެ ވީޑިއޯ އާއްމުވުމާ ގުޅިގެން ޓްރަމްޕާ ދެކޮޅަށް އެތައް އަންހެނުންނެއް ފަހުން ވަނީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އަންހެނުންނަށް އިހާނެތިކޮށް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ އިސް ބައެއް މެންބަރުން ވެސް ވަނީ ޓްރަމްޕަށް އޮތް ތާއީދު އަނބުރާ ގެންގޮސްފަ އެވެ.

"އަޅުގަނޑަށް އެނގޭ ޓްރަމްޕް އަންހެނުންނަށް އިހުތިރާމް ކުރާ މިންވަރު. ޓަރްމަޕް އަމިއްލަ އަށް ނުކުމެ ދިފާއު ކުރަން ޖެހިފައި ވަނީ އެ އަންހެންތައް ނުކުމެ ދޮގު ވާހަކަތައް ދައްކަން ފެށުމުން،" ސީއެންއެންއާ ވާހަކަ ދައްކަވަމުން މެލައިނާ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލް ކުރަނީ އަޅުގަނޑުގެ ފިރިމީހާ އަކީ ވަރަށް އޯގާތެރި، ރަނގަޅު ފިރިހެނެއް. އެއީ އެކަހަލަ ކަމެއް ދުވަހަކު ވެސް ކުރާނެ މީހެއް ނޫން."

ޓްރަމްޕާ އެކު 11 އަހަރުގެ ޒަވާޖީ ހަޔާތެއް ހޭދަކޮށްފައިވާ މެލަނިއާ ތުހުމަތު ކުރެއްވި ގޮތުގައި ޓްރަމްޕާ ދެކޮޅަށް ބޮޑު ކަންތައް ގަނޑެއް ހިންގާފައި ވަނީ ހިލަރީ ކްލިންޓަންގެ ކެމްޕޭން ޓީމާއި މީޑިއާ ރާވައިގެންނެވެ.

ޓްރަމްޕާ ދެކޮޅަށް އަންހެނުންތަކެއް ވާހަކަ ދެއްކި ފަހުން ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަމުން މެލަނިއާ ވިދާޅުވީ ޓްރަމްޕް ދުވަހަކު ވެސް ބޭއަދަބީ ގޮތަކަށް އުޅެފައި ނުވާ ކަމަށެވެ.

މީގެ 10 ދުވަސް ކުރިން ވީޑިއޯ ޓޭޕް އާއްމުވުމާ ގުޅިގެން މެލަނިއާ ވަނީ އެ ވީޑިއޯގައި ބޭނުންކޮށްފައިވާ ބަސްމަގު ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕުގެ މައާފް ގަބޫލް ކުރައްވާފައިވާ ކަމަށް މެލަނިއާ ވިދާޅުވި އެވެ.

އެކަމަކު މެލިނިއާ މިހާރު ގަބޫލް ކުރަނީ ހުރިހާ ގޯހެއް ވެސް ހަދާފައި ވަނީ އެ ޓޭޕުގެ މައްސަލާގައި އެންބީސީން ވަކިކޮށްފައިވާ ބިލީ ބުޝް ކަމަށެވެ.