ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެސް އިތުރު ސަބްމެރިން ކޭބަލެއް އަޅާނެ: މަލީހު
ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެސް އިތުރު ސަބްމެރިން ކޭބަލެއް އަޅާނެ: މަލީހު

މުއާސަލާތީ ހިދުމަތް ދިނުމުގެ ބޭނުމަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާރު އަޅާފައިވާ ސަބްމެރިން ކޭބަލް މިހާރު ވަނީ އައުޓްޑޭޓް ވެފައި ކަމަށާއި އެހެންވެ އާ ކޭބަލެއް އަޅާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅާ ސަބްމެރިން ކޭބަލް މި އަހަރުގެ ފަހުކޮޅު އަޅާ ނިމޭނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ބުނުމުން ކުރެއްވި ޓްވީޓެއްގައި މަލީހް ވިދާޅުވީޒަމާނީ ފެންވަރުގެ ސަބްމެރިން ކޭބަލް އެޅުމުގެ ސަބަބުން ރާއްޖެ އަށް ފައިދާ ކުރާނެ ކަމަށެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އަޅާފައިވާ ކޭބަލް އައުޓްޑޭޓް ވެފައިވާތީ އާ ކޭބަލެއް އެޅުމުގެ މަސައްކަތް އަވަސްކުރުވާނެ ކަމަށް މަލީހް ވިދާޅުވި އެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު އަޅާ ސަބްމެރިން ކޭބަލަކީ އުރީދޫ އާއި ދިރާގު ގުޅިގެން އަޅާ ކޭބަލެކެވެ. މި ކޭބަލަކީ ރާއްޖޭގައި މިގޮތަށް އަޅާ ތިން ވަނަ ކޭބަލެވެ. ދިރާގާއި އުރީދޫން ދޭ ހިދުމަތްތަކުގެ ފެންވަރު މި ކޭބަލްގެ ސަބަބުން ސަބަބުން އިތުރަށް ރަނގަޅުވެ، ކަސްޓަމަރުންނަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތްތައް ފުޅާކުރެވޭނެ ކަމަށް އެ ކުންފުނިތަކުން ބުނެ އެވެ.

މި ކޭބަލްގެ ދިގުމިނަކީ 840 ކިލޯ މީޓަރެވެ. މި ކޭބަލް އަޅަން ނިންމާފައި ވަނީ 3،700 މީޓަރު އަޑީގަ އެވެ.

މި ކޭބަލްއާ އެކު، ރާއްޖޭގައި މިހާތަނަށް އަޅާފައިވާ ކޭބަލްތަކުގެ ޑައިވާސިޓީ އިތުރުވެ، އޭގެ މަންފާ ޓެލެކޮމް ކުންފުނިތަކަށް ކުރާނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.