06 ޖޫން 2020 - 19:27

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދިން ލުއިތަކާއެކު މި ހަފުތާއިން ފެށިގެން ބީއެމްއެލްގެ ބްރާންޗުތަކުން އެޕޮއިންޓްމަންޓުތަކަށް ހިދުމަތް ދޭން ފަށާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހިދުމަތްތައް މިދިޔަ ހަފުތާގައި ވެސް ރަށްތަކުގައި ހުންނަ ބްރާންޗުތަކުންނާއި މާލޭގައި ހުންނަ ކާޑު ސެންޓަރުން ދޭން ފަށައިފަ އެވެ. ނަމަވެސް މާލެ ސަރަހައްދުގެ ހުރިހާ ބްރާންޗެއް ހުޅުވާލާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.
އެ ބޭންކުގެ ބްރާންޗުތައް ހުޅުވާލާނީ އަންނަ ހަފުތާގެ ހޯމަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ. މި ވަގުތުތަކުގައި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ބޭންކުގެ ވެބްސައިޓު bankofmaldives.com.mv/book-appointment މެދުވެރިކޮށް ނުވަތަ ކަސްޓަމަރުގެ ފޯން ނަންބަރާއި އައިޑީ ކާޑު ނަންބަރާއި ނަމާއި މިހާރު އުޅޭ އެޑްރެސް 455 އަށް އެސްއެމްއެސް ކޮށްގެން އެޕޮއިންޓްމެންޓު ހެދޭނެ އެވެ.
ހުރިހާ ބްރާންޗެއް ހުޅުވި ނަމަވެސް އެ ބްރާންޗުތަކުން ލިބޭނީ އޮންލައިންކޮށް ނުލިބޭ ހިދުމަތްތަކެވެ.
- 25،000 ރުފިޔާއިން މަތީގެ އަދަދުގެ ފައިސާ ނެގުމުގެ ހިދުމަތް
- ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000ރ. ޖަމާކުރުމާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000ރ. ޖަމާކުރުން.
- ޕާސަނަލް އިންފޮމޭޝަން އަޕްޑޭޓް ކުރުން.
- އިންޓަނެޓް ބޭންކިންއަށް އެދި ހުށަހެޅުން.
- ޗެކް ފޮތަށް އެދި ހުށަހެޅުމާއި ހަވާލުކުރުން.
- ރިޓާން ޗެކް ބަލައިގަތުން.
- ބޭންކް ގެރެންޓީ.
މީގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ ހިދުމަތާއި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ އިތުރުން ޕާސަނަލް އަދި ބިޒްނަސް ފައިނޭންސިން އެޕްލިކޭޝަން ބަލައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްގެ އެހެން ބްރަންޗުތަކުގެ ތެރެއިން މާލެ ސްކޮޔާގައި ހުންނަ އެކައުންޓް އޮޕެނިން ސެންޓަރުން އެކައުންޓު ހުޅުވުމުގެ ހިދުމަތާއި ލޯނު ސެންޓަރުން ލައިފްސްޓައިލް ލޯނާއި ކިޔަވާ ލޯނާއި ހޯމް ލޯނާއި ހޯމް ކޮންސްޓްރަންކްޝަން ލޯނާ ގުޅުން ހުރި ހިދުމަތްތައް ލިބޭނެ އެވެ. އެ ބޭންކުން ދޫކުރާ ލޯނުތަކުގެ ތެރެއިން ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ ލޯން އެޕްލިކޭޝަން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ އެވެ.
މިގެ އިތުރުން ހުޅުމާލެއާއި މާލޭގައި ހުންނަ ބިޒަންސް ސެންޓަރުތަކުން ވިޔަފާރިތަކަށް އެކައުންޓް ހުޅުވުމާއި ވިޔަފާރިތަކުން ލޯނަށް އެދި ހުށަހެޅުމަށް އެޕޮއިންޓްމަންޓު ލިބޭނެ އެވެ. އަދި ކަސްޓަމާ ސާވިސް ސެންޓަރުން އެޕޮއިންޓްމަންޓުތަކަށް ކާޑު ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.