18 އޮކްޓޯބަރ 2016 - 14:32

ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ހަމްދޫން އަބްދުﷲ ހަމީދާއި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މަޖިލީހުގެ ޖަލްސާގައި ހަމްދޫނަށް ރުހުން ދިނުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުން ފާސްވިއިރު، ޖަމީލާ އަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް އައިޝަތު ޝާން ޝާކިރު، ގ. ޕެންޒީމާގޭ 1، އާއި ތައިލެންޑުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ފާތުމަތު އިނާޔާ، މއ. ރެސްޓިންހައުސް، އައްޔަން ވެސް މަޖިލީހުން މިއަދު ވަނީ ރުހުން ދީފި އެވެ.
ސަފީރު ކަމަށް އައްޔަން ކުރަން ނިންމެވި އައިޝަތަށް ރުހުން ލިބިވަޑައިގަތީ 48 މެމްބަރުންގެ އިއްތިފާގުންނެވެ. އިނާޔާ އަށް ރުހުން ލިބިވަޑައިގެންނެވީ 48 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރު ކަން ކުރެއްވި ހަމްދޫން ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް އަދާކުރައްވައިފަ އެވެ. އަދި ޕީޕީއެމް އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން ރައީސް މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީހުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
ޖަމީލާ އަކީ ސީއެސްސީގެ މެމްބަރުކަމަށް ވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޓީވީއެމްގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އިނާޔާ މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
މީގެ އިތުރުން ކޮމަންވެލްތުން ވަކިވުމާ ގުޅޭ ގޮތުން މަޖިލީހުގެ މަޝްވަރާ އަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެން މަޖިލީހަށް ފޮނުއްވި މައްސަލަ 47 މެމްބަރުންގެ އަޣުލަބިއްޔަތުން ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ. މި މައްސަލަ ކޮމެޓީ އަށް ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
ހަމައެއާއެކު، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސައި މަސައްކަތަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލަ އާއި ކުޑަކުދިންގެ ހިޔާގެ ބައެއްގެ ގޮތުގައި ހުޅުމާލޭގައި ގާއިމުކޮށްފައިވާ "ފިޔަވަތި" ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ވަކި މަރުކަޒެއްގެ ގޮތުގައި ހަމަޖައްސައި، އެ މިނިސްޓްރީގެ މަސައްކަތްތަކަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން ފޮނުވާފައިވާ މައްސަލަ އާއި ދިވެހި އެމްބަސީއެއް ޖަރުމަނުގައި ގާއިމްކޮށް، އެތަނުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދަން ރައީސް ޔާމީން ނިންމަވައި މިނިސްޓްރީގެ މަސައްކަތްތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭ މައްސަލަ ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.