06 ޖޫން 2020 - 15:08

ހިޔާ ފްލެޓްތައް ދިނުން ވަރަށް ބޮޑަށް ލަސްވެއްޖެ ކަމަށާއި އޭގެ ނިކަމެތިކަން ބަރުދާސްތުކުރަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން މުއިއްޒު މިގޮތަށް ޓްވީޓް ކުރެއްވި އިރު ފްލެޓްތަކުގެ ތަފްސީލުތައް އަންނަ މަހު ހާމަކުރާނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަށް ވިދާޅުވެވުނީ އޮޅަމަކުން ކަމަށް އިއްޔެ ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތަފްސީލުތައް ހާމަކުރުމަށް ކަމަށެވެ.
މުއިއްޒު ކުރައްވާފައިވާ ޓްވީޓުގައި ވަނީ ހިޔާ ފްލެޓްތައް ހަވާލުކުރުން ލަސްވާ ލަސްވުމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު ކުރައްވައިފަ އެވެ.
"ބަރުހެލިކަމާއި ނާގާބިލުކަން އިންތިހާ އަށް ގޮސްފައިވުމުގެ ހިތްދަތިކަން ބަރުދާސްތު ކުރަން ޖެހެނީ ނިކަމެތި ރައްޔިތުން. ރައްޔިތުން މިކަން ކަމަށް ޖަވާބު ދޭނީ ހަމަ ގައިމު ވެސް އޮޅުމަކުން ނޫން،" އޭނާ ވިދާޅުވެފައި ވެ އެވެ.
މަޖިލީހުގެ ގައުމީ ތަރައްގީ ކޮމިޓީގައި މިނިސްޓަރު އާތިފާ ވިދާޅުވީ، ފްލެޓްތައް ހަވާލުނުކުރެވި އޮތީ ފްލެޓް ލިބޭ ލިސްޓުގައި ތިބި މީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރީ ރައީސް އޮފީހުގެ ކޮމެޓީއަކުން ކުރާ އެ މަސައްކަތް ނިމުމަކާ ގާތުގައި ވަނިކޮށް ކަމަށާއި އެހެންވެ، ޖުލައި މަސް ނިމުމުގެ ކުރިން އެތަންތަން ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެކަމަކު ތާރީހް ވެސް ބަދަލުކޮށް، ހައުސިން މިނިސްޓްރީން އިއްޔެ ރޭ އަނެއްކާ ވެސް ވަނީ މިނިސްޓަރު އާތިފާގެ ވާހަކަ ސާފުކޮށްދޭން ކުރު ބަޔާނެއް ނެރެފަ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، އަދި ހައުސިން މިނިސްޓްރީން އިސްކޮށް ބެލެހެއްޓި އެ މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. މި ފްލެޓްތައް ހެދުމަށް ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައިވެ އެވެ. މި ލޯނު ނެގީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ.
ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތައް ވެރިކަން ބަދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން 2018 ވަނަ އަހަރު އޭރުގެ ހައުސިން މިނިސްޓްރީން އިއުލާނުކުރި އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް ފްލެޓްތައް ލިބިފައިވަނީ ހައްގުވެރިންނަށް ކަން ކަށަވަރު ކުރުމަށްޓަކައި ފްލެޓް ލިބުނު މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ފެށި އެވެ.