06 ޖޫން 2020 - 14:08

މަޖީދީމަގުގައި ހުންނަ "އެކްސީޑް" ފިހާރައިގައި މިއަދު ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގިކަން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 1:00 ހާއިރު ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ސިފައިން ގޮސް ވިއްސަކަށް މިނެޓްގެ ތެރޭގައި ވަނީ ނިއްވާލައިފަ އެވެ.
މަޖީދީމަގު، އޮލިމްޕަސް ކުރިމަތީގައި ދެ ބުރިއަށް ހަދާފައިވާ އިމާރާތެއްގެ ދެ ވަނަ ބުރީގައި ހުރި މި ފިހާރައަކީ، މޮބައިލް ފޯނާ ގުޅޭ ވަރަށް ގިނަ ސާމާނާއި މޮބައިލް މަރާމާތު ކުރުމުގައި މާލޭގައި ވަރަށް މަޝްހޫރު ފިހާރައެކެވެ. އަލިފާންގަނޑު ހިފާފައިވާ މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފިހާރައިގެ ތެރޭގައި ހިފާފައިވާ އަލިފާންގަނޑު މައްޗަށްވާ ގޮތަށް ހުރި ދޮރުތަކުން ބޭރަށް ވަނީ ނުކުމެފަ އެވެ.
އަލިފާން ހިނގި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ވީ ގެއްލުންތައް ވެސް އަދި ސާފެއް ނުވެ އެވެ.
އެކަމަކު މަންޒަރު ދުށް މީހުން ބުނި ގޮތުގައި ރޯވެފައިވާ އަލިފާންގަނޑަށް ބަލާއިރު، ފިހާރައިގެ ތެރޭގައި ހުރި ގިނަ އަދަދެއްގެ މުދާ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުން އެކަށީގެންވެ އެވެ. މި ހާދިސާގައި ފިހާރަ އަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފަ އެވެ.