"ކިލާޅީ" އަކީ ކެރިއަރު ބަދަލުކޮށްލި ފިލްމު: އަކްޝޭ
"ކިލާޅީ" އަކީ ކެރިއަރު ބަދަލުކޮށްލި ފިލްމު: އަކްޝޭ

މީގެ 28 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ކިލާޅީ" އަކީ ހަމައެކަނި ފިލްމެއް ނޫން ކަމަށާއި އެއީ މުޅި ކެރިއަރު ބަދަލުކޮށްލި ފިލްމު ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

އައްބާސް-މަސްތާން 1992 ގައި ގެނެސްދިން ފިލްމު ރިލީޒްކުރިތާ 28 އަހަރުވުމާ ގުޅިގެން ހަނދާންތައް އާކުރަމުން ޓްވީޓެއްގައި އަކްޝޭ ބުނީ "ކިލާޅީ" ހަމައެކަނި ފިލްމެއްގެ ގޮތުގައި ސިފަކުރަން ބޭނުންނުވާ ކަމަށެވެ. އަދި އޭނާ ބެލުންތެރިން ބަލައިގަތް އެކްޓަރަކަށް ހަދައިދިނީ އެ ފިލްމުން ކަމަށާއި އެއީ އަބަދު ވެސް ކެރިއަރުގައި ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.

އަދި "ކިލާޅީ" އިން ފުރުސަތު ދިން ކަމަށްޓަކައި ޑައިރެކްޓަރުންނަށް އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށް އަކްޝޭ ބުންޏެވެ. އެ ފިލްމަށް ފަހު ފަހުން އަކްޝޭ ވިދައިލީ ވެސް ބޮލީވުޑްގެ ކިލާޅީގެ ގޮތުގަ އެވެ. އަދި އެ ނަމާ ގުޅުވައިގެން ގެނެސްދިން ގިނަ ފިލްމުތަކެއް އޭނާ ކުޅުނެވެ.

"ކިލާޅީ އަކީ އަސްބާސް-މަސްތާނާ އެކު އަހަރެން މަސައްކަތްކުރި ފުރަތަމަ ފިލްމު. އެހެންވީމަ ކިހިނެއް އެ ދެ މީހުންގެ މަތިން ހަނދާން ނައްތާލާނީ؟ އެއީ ހަމައެކަނި އަހަންނަށް ފިލްމެއް ނޫން. އަހަރެންގެ ކެރިއަރުގެ އިތުރު ހަރުފަތަކަށް ގެންގޮސްދިން ފިލްމެއް." އަކްޝޭ ބުންޏެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ކިލާޅީ" އަކީ ބޮލުގައި އެޅިދާނެ މަރެއް ސިއްރުކުރަން އެކުވެރިންތަކެއް ކުރާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އޭގެ މުހިއްމު ރޯލްތައް އަކްޝޭއާ އެކު ކުޅުނީ އައިޝާ ޖުލްކާ އާއި ދީޕަކް ތިޖޯރީ އެވެ. "ކިލާޅީ" އަކީ ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ.

އެ ފިލްމު ސިނަމާތަކަށް އައީ ޖޫން 5، 1992 ގަ އެވެ.

"ކިލާޅީ" އަށް ފަހު އައްބާސް-މަސްތާނާ އެކު އަކްޝޭ މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 2001 "އަޖްނަބީ" އާއި 2004 ގެ "އެއިތުރާޒް" ހިމެނެ އެވެ.