06 ޖޫން 2020 - 06:44

މިނިއާޕޮލިސް (ޖޫން 6) - ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ޖޯޖް ފްލޮއިޑް އެއްވެސް ވަރަކަށް ގަދަ ދައްކައި ހައްޔަރު ނުވުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އޭނާ މަސައްކަތް ކޮށްފައި ވަނީ އެކަން ހައްލު ކުރެވޭތޯ ކަމަށް އެ ވަގުތު އެ ތަނުގައި ހުރި މީހަކު ބުނެފި އެވެ.
ފްލޮއިޑުގެ ވަރަށް ޒަމާންވީ ރަހުމަތެރިއެއް ކަމަށްވާ މައުރިސް ލެސްޓާ ހޯލް ބުނީ ފުލުހުން ގާތު ފްލޮއިޑް ބުނެފައި ވަނީ އޭނާ ކުށެއް ނުކުރާ ކަމަށެވެ.
"މިއީ ދެން ކޮންކަމެއް؟" ފުލުހުންނާ ފްލޮއިޑް ސުވާލު ކުރި ކަމަށް ލެސްޓާ ހޯލް ބުންޏެވެ.
ވަގު ނޫޓް ބޭނުންކޮށްގެން ފިހާރައަކުން ފްލޮއިޑް ސިނގިރޭޓް ގަތް ކަމަށް ރިޕޯޓްކުރުމުން މެއި 25 ވަނަ ދުވަހު ފުލުހުން ދިޔަ އިރު ލެސްޓާ ހޯލްއަކީ ފްލޮއިޑާ އެކު ކާރުގައި އިން މީހެކެވެ. ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހަތަރު ފުލުސް އޮފިސަރުންގެ މައްސަލަ ބަލަމުންދާ އިރު ލެސްޓާ ހޯލަކީ މުހިންމު ހެކިވެރިއެއް ވެސް މެ އެވެ.
ފްލޮއިޑް، 46، ހައްޔަރު ކުރަން ފުލުހުން ދިޔައީ ފިހާރައަކުން އޭނާ ސިނގިގޭޓް ގަތް 20 ޑޮލަރަކީ ވަގު ނޫޓް ކަމަށް ރިޕޯޓް ކުރުމުންނެވެ. ފުލުހުން ގޮސް ބިޑިއަޅުވައި ފްލޮއިޑް ބިންމައްޗަށް ވައްޓާލުމަށް ފަހު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރި ދޮން ނަސްލުގެ ފުލުސް މީހާ ޑެރެކް ޗައުވިންގެ މައްޗަށް ވަނީ މީހަކު މެރުމުގެ ދެ ވަނަ ދަރައިގެ ކުށުގެ ދައުވާކޮށްފަ އެވެ. ނޭވާ ނުލެވި މަރުވަނީ ކަމަށް ފްލޮއިޑް ގޮވަމުން ދިޔަ އިރު ވެސް އެ ފުލުސް މީހާ ވަނީ އެ ގޮތުގައި، އަށް މިނިޓް 46 ސިކުންތު ހޭދަކޮށްފަ އެވެ. އަންނަ ހޯމަ ދުވަހު އެ ފުލުސް މީހާ ކޯޓަށް ހާޒިރުކުރާނެ އެވެ. އެ ވަގުތު އަނެއް ތިން ފުލުހުން ވެސް ފްލޮއިޑް ސަލާމަތް ކުރުމުގެ ބަދަލުގައި، ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. އެ ތިން ފުލުހުން ވެސް މިހާރު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ މީހުންގެ ކަފާލާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއް މިލިއަން ޑޮލަރެވެ.