06 ޖޫން 2020 - 07:00

ވޫހާން (ޖޫން 6) - ކޮރޯނާވައިރަހުގެ އަލާމަތްތައް ފެނިގެން ހޮސްޕިޓަލަށް ރިޕޯޓްކުރި ހުރިހާ ބަލި މީހުން ރަނގަޅުވެއްޖެ ކަމަށް ޗައިނާގެ މެދުތެރޭގެ ވޫހާން ސިޓީން އިއްޔެ އިއުލާންކޮށްފި އެވެ.
ސަރުކާރު ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސް އިން ބުނީ ވޫހާންގެ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް އެންމެ ފަހުން ފަރުވާ ދިން ތިން މީހުން ބަލިން ރަނގަޅުވެ އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.
ޑިސެމްބަރު 31 ވަނަ ދުވަހު ކޮރޯނާވައިރަސް އެންމެ ފުރަތަމަ ރިޕޯޓްކުރި ސިޓީން ވަނީ 50،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ. އެކަމަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އަލާމަތްތައް ނުފެންނަ ނަމަ ކޭސްތައް ޗައިނާ އިން މިހާރު ޑޭޓާގައި ނުހިމަނަ އެވެ. އެ ގައުމުން އެ ރެކޯޑް އެގޮތަށް ބަލަހައްޓަން ފެށީ އެޕްރީލް 1 އިން ފެށިގެންނެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ވޫހާން އިން ވަނީ މުޅި އާބާދީ އެއްކޮށް ކޮރޯނާވައިރަހަށް ޓެސްޓްކޮށްފަ އެވެ. ޗައިނާގެ ސިޓީ ނިސްބަތްވާ ހުބެއި ޕްރޮވިންސްގެ ހެލްތު ކޮމިޝަނުން ބުނީ މެއި 14 އާއި ޖޫން 1 އާ ދެމެދު ގާތްގަނޑަކަށް 9.89 މިލިއަން މީހުން ޓެސްޓްކޮށްފައިވާ ކަމަށެވެ. ވޫހާންގައި އާއްމުކޮށް އުޅެނީ ގާތްގަނޑަކަށް 11 މިލިއަން މީހުންނެވެ. ނަމަވެސް މުޅި އާބާދީ ޓެސްޓް ކުރަން ފެށުމުގެ ހަފުތާއެއް ކުރިން ޓެސްޓްކޮށްފައިވާ މީހުންނާއި ހަ އަހަރުން ދަށުގެ ކުޑަ ކުދިން ޓެސްޓް ކުރުން ޕްރޮގްރާމުގައި ނުހިމެނެ އެވެ.
ޕީޕަލަސް ޑެއިލީ ނޫހުން ބުނީ މުޅި އާބާދީ ޓެސްޓްކުރަން ހިންގި ޕްރޮގްރާމް ނިމުނު އިރު ބަލީގެ އެއްވެސް އަލާމާތެއް ނެތް 217 މީހުން ޕޮޒިޓިވް ކަމަށް ދައްކާފައިވެ އެވެ. އެހެންވެ އެއީ ޕޮޒިޓިވް ކޭސްތަކެއްގެ ގޮތުގައި ރެކޯޑްކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މީހުން ވަރަށް ގާތުން މޮނިޓާ ކުރާ ކަމަށް ހެލްތު ކޮމިޝަނުން ބުންޏެވެ.