06 ޖޫން 2020 - 10:55

ސުވާ (ޖޫން 6) - ކޮރޯނާވައިރަހުން ފިޖީ ސަލާމަތްވެއްޖެކަން އިއްޔެ އިއުލާންކޮށްފި އެވެ.
ޕެސިފިކުގެ ޖަޒީރާ ގައުމުގައި ކޮވިޑް-19 ޖެހިފައި ހުރި އެންމެ ފަހު މީހާ ރަނގަޅުވިކަން އިއްޔެ އިއުލާން ކުރުމާ އެކު އެ ބަލީގެ އެއްވެސް މީހަކު މިހާރު އެ ގައުމުގައި ނެތެވެ.
ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް މާޗް މަހުގެ މެދުތެރޭގައި ފިޖީން ފުރަތަމަ ފެނުމާ އެކު 930،000 މީހުންގެ އާބާދީއެއް އޮތް ގައުމުގައި އެ ބަލި ފެތުރި ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވި އެވެ. އެއީ އެ ގައުމުގެ ސިއްހީ ނިޒާމުގެ ބަލިކަށިކަމާއި ވަސީލަތްތައް ނެތުމުންނެވެ. ނަމަވެސް ބޯޑަރު ބަންދުކޮށް، ޓޫރިޒަމް ހުއްޓާލުމަށް ފަހު، އައިސޮލޭޝަންގެ ހަރުކަށި ފިޔަވަޅުތައް އެޅުމުން އެ ގައުމުން ބައްޔަށް ޕޮޒިޓިވްވީ 18 މީހުންނެވެ. އެ އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެކަކު ވެސް އެ ގައުމުން އެ ބަލީގައި މަރުވެފައެއް ނުވެ އެވެ.
ބޮޑުވަޒީރު ފްރޭންކް ބައިނިމަރަމާ ވިދާޅުވީ" ކުރި ބުރަ މަސައްކަތާއި ދުއާ އިޖާބަ ކުރައްވައިފި" ކަމަށެވެ.
"ފިޖީ މިހާރު ވަނީ ކޮރޯނާވައިރަހުން ސަލާމަތްވެފައި. އެންމެ ފަހު ކޭސް ރިޕޯޓްކުރިތާ ވެސް މިހާރު 45 ދުވަސްވެއްޖެ. އެއްވެސް މީހަކު މަރުވެފައި ނުވާ އިރު ބަލިން ރަނގަޅުވި މީހުންގެ ރޭޓް 100 ޕަސެންޓް،" ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައިވެ އެވެ.
ފިޖީން މިހާރު ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފައިވާ ދެ ގައުމު ކަަމަށްވާ ނިއު ޒީލެންޑާއި އޮސްޓްރޭލިއާ އެކު ކަރަންޓީން-ފްރީ ދަތުރުފަތުރުގެ "ބަބްލްގައި" ބައިވެރިމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.