18 އޮކްޓޯބަރ 2016 - 13:40

ލަންޑަން (އޮކްޓޯބަރު 18) - މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ސިޓީން މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ނެރެމުން އަންނަ ނަތީޖާތަކުގެ ސަބަބުން ގިނަ ބަޔެއްގެ ލޯ އެ ޓީމަށް އަމާޒުވަމުން އަންނަ ކަމަށް ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި ލެސްޓާ ކުޅުނު ފުރަތަމަ މެޗުން ރަށުން ބޭރުގައި ކްލަބް ބްރޫޖް އަތުން 2-0 އިން ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި އަމިއްލަ ދަނޑުގައި ލެސްޓާ އިން ޕޯޓޯ ބަލިކުރީ 1-0 އިންނެވެ. ރަނިއޭރީ ބުނީ މިރޭ އަމިއްލަ ދަނޑުގައި ޑެންމާކުގެ ކޮޕެންހާގެންއާ ދެކޮޅަށް ނުކުންނައިރު މޮޅުވުން ނޫން ނަތީޖާއެއް ބޭނުން ނޫން ކަމަށެވެ.
"މިދިޔަ ސީޒަނުގައި ލެސްޓާ އަކީ ހަމައެކަނި އިނގިރޭސި ލީގުގެ މަޝްހޫރު ނަމެއް. މިހާރު ލެސްޓާ ޔޫރަޕްގައި ވެސް ނަތީޖާ ނެރޭ. މިއީ މި ކްލަބަށް ކުރިއެރުމެއް. އަހަރެމެން މިތިބީ ހަމަބިމުގައި. މިރޭ ކޮޕެންހާގެން އަތުން ތިން ޕޮއިންޓް ހޯދުން މުހިއްމު. އެއީ ދެ ވަނަ ބުރާ ގާތަށް ދިއުމަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން މޮޅުވުން މުހިއްމު،" ކުރިން ޗެލްސީ އާއި ރޯމާ އަށް ޗެމްޕިއަންސް ލީގުގައި ކޯޗުކޮށްދިން ރަނިއޭރީ ބުންޏެވެ.
މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ދެ މެޗުން މޮޅުވިއިރު އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ރަނިއޭރީ ބުނީ ލީގުގައި މި ވަގުތު އެ ޓީމުގެ ނަތީޖާތައް ދަށް ނަމަވެސް ކުރިއަށް ހުރި މެޗުތަކުން މޮޅުވެގެން ކުރިއަށްދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ލީގު ފޯމު ދަށްވެގެން އެހާ ބޮޑަށް ހާހެއް ނުވޭ. ގިނަ މެޗުތައް ކުރިއަށް އޮތީ. މެޗުތަކުން މޮޅުވާން ފެށުމުގެ މިހާރުގެ ހާލަތު ބަދަލުވާނެ،" ރަނިއޭރީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގެ އެއް ވަނައިގައި ލެސްޓާ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ކޮޕެންހާގެންއާ ދެކޮޅަށް ލެސްޓާ މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 11:45 ގަ އެވެ.