ފާއިތުވި ދެމަހު ޓެކްނޮލޮޖީ މިނިސްޓްރީން 11،000 އަށްވުރެ ގިނަ ކަރުދާސް ސަލާމަތްކުރި
ފާއިތުވި ދެމަހު ޓެކްނޮލޮޖީ މިނިސްޓްރީން 11،000 އަށްވުރެ ގިނަ ކަރުދާސް ސަލާމަތްކުރި

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީން 11،448 ކަރުދާސް ސަލާމަތް ކުރިކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން މިހެން ބުނެފައި ވަނީ ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން، އެ މިނިސްޓްރީން ކަރުދާސް ބޭނުން ކުރި މިންވަރު ހާމަކުރުމަށް ކުރި ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައި ބުނެފައިވާގޮތުގައި މާޗު 19 އިން ފެށިގެން އެ މިނިސްޓްރީން ތައްޔާރު ކޮށްފައި ވަނީ 954 ލިޔުމެވެ. އޭގެ ތެރެއިން ކޮންމެ ލިޔުމެއްގައި ތިން ކަރުދާސް ހިމެނޭގޮތަށް ޖުމްލަ 2،864 ކަރުދާސް ބޭނުން ކުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ތައްޔާރު ކުރާ ލިޔެެކިޔުންތަކުގެ ކުށްފިލުވުމަށް އާއްމު ހާލަތްތަކުގައި ލިޔުމަކަށް ފަސް ޕްރިންޓު ހޭދަވާއިރު އެއީ 14،310 ކަރުދާހެވެ. މީގެ ތެރެއިން 11،448 ކަރުދާހަކީ ކުނީގެ ގޮތުގައި އުކާލާ ކަރުދާހަށްވާއިރު ފާއިތުވި މަސްތަކުގައި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޒަރީއާ އިން ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމުން ކުރިއާ އަޅާބަލާއިރު ގިނަ އަދަދެއްގެ ކަރުދާސް ސަލާމަތް ކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަހުގެ ޝިއާރަކީ "ތިމާވެއްޓަށް ފުރުސަތު ދެމާ، ޓެކްނޮލޮޖީގެ ޒަރީއާ އިން އޮފީސް މާހައުލު ކުނި މަދުކުރަމާ" އެވެ.