05 ޖޫން 2020 - 21:13

ރާއްޖޭގައި ނޫސްވެރިކަން ކުރިއަރުވަން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ނޫސްވެރިކަން ކުރަން ފެށިތާ 77 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ،، ރާއްޖޭގައި މިހާރު އޮތީ ސަތޭކަ ޕަސެންޓު އޮންލައިން ނޫސްވެރިކަމެއް ކަމަށާއި އެ މަސައްކަތަށް އެއްބާރުލުން ދިނުމަށްޓަކައި އެ މިނިސްޓްރީން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
"ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި މިނިސްޓްރީން ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރާއްޖޭގައި އޮންލައިން ނޫސްވެރިކަން ފެށީ މީގެ 25 އަހަރު ކުރިން ކަން ފާހަގަކޮށް، ބަޔާނުގައި ވެ އެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ބުނިގޮތުގައި މިދިޔަ 77 އަހަރުގައި ރާއްޖޭގެ ނޫސްވެރިކަން ގިނަ ހަރުފަތްތަކެއް ގިރާކޮށް، ބޮޑެތި ކާމިޔާބީތަކެއް ވެސް ވަނީ ހޯދައިފަ އެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ ފެށުމަކީ މީގެ 77 އަހަރު ކުރިން ނެރުނު "ސަރުކާރުގެ ޚަބަރު" އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ނޫސް "ސަރުކާރުގެ ޚަބަރު" ޝާއިރުކުރީ ޖޫން 5، 1943 ގަ އެވެ. މިހާރު އާންމުކޮށް ބޭނުންކުރަމުން އަންނަ ގޮތަށް އޮންލައިންކޮށް ޚަބަރު ފަތުރަން ފެށީ މީގެ 25 އަހަރު ކުރިން، 1995 ގަ އެވެ.