އައްޑޫގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ދީފި
އައްޑޫގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ދީފި

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އައްޑޫގައި އެޅި ފިޔަވަޅުތަކުގެ ދަށުން އެއް އަވަށުން އަނެއް އަވަށް ދަތުރުކުރުމަށް ގެނައި ބަދަލަށް ބޮޑު ލުޔެއް މާދަމާ އިން ފެށިގެން ދޭން ނިންމައިފި އެެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ، މާދަމާ ހެނދުނު 6:00 ން ހަވީރު 6:00 އާ ހަމައަށް ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި، އައްޑޫގެ އަވަށްތަކުގެ މެދުގައި ދަތުރުކުރެވޭނެ ކަމަށެވެ. އެކަމަކު، އެ ނޫން ގަޑިތަކުގައި ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށްޓަކައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ.

މީގެ އިތުރުން، މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ދެ އަވަށް ކަމަށްވާ ހުޅުދު އާއި މީދޫން ފޭދު އަށް ފެރީގައި ކުރާ ދަތުރުތައް ހަމަޖެހިފައިވާ ގަޑިތައް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން އާއްމު ކުރަމުން ގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ދަތުރުފަތުރަށް ލުއި ދިން ނަމަވެސް ކޮންމެހެން ދާން ޖެހިގެން މެނުވީ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ނުކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ކައުންސިލުން އިލްތިމާސް ކުރެ އެވެ. ދަތުރުފަތުރަށް ދިން ލުޔާ އެކު އަދިވެސް ޕިކްނިކް ދިއުން ފަދަ ކަންކަން ނުކުރޭވެނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އައްޑޫގެ ދަތުރުފަތުރުގެ ބަދަލުތަކެއް ގެނައީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އެ ނިންމުމާ އެކު، އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރަން ޖެހެނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

ކޮވިޑް-19އާ ދިމާކޮށް އައްޑޫގައި އެޅި އެކި ފިޔަވަޅުތަކަށް ލުއި ދެމުން އަންނަ އިރު، މިދިޔަ ރޯދަ މަހުގެ ފަހު ހުކުރުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ. މީގެ އިތުރުން، ކެފޭ/ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތް ދިނުން ވަނީ ހެނދުނު 6:00 އިން ރޭގަނޑު 10:00 އާ ހަމައަށް ހުޅުވާލައިފަ އެވެ. އެކަމަކު އައްޑޫގެ ފިހާރަތައް މިހާރު ރޭގަނޑު ހުޅުވުން މަނަލެވެ. ޑެލިވަރީގެ ހިދުމަތްތައް ވެސް ރޭގަނޑަށް ބަންދެވެ.

ފިހާރަތައް ހުޅުވަން ހުއްދަ ދީފައި ވަނީ ހެނދުނު 6:00 އިން ހަވީރު 6:00 އަށެވެ.

އައްޑޫން މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވްއެއް ނުވެ އެވެ.