05 ޖޫން 2020 - 19:32

ކޮވިޑް-19އާ ގުޅިގެން ސްރީ ލަންކާގެ ޓޫރިޒަމް ވެސް ހުއްޓިފައި އޮތުމަށް ފަހު، އަންނަ އޮގަސްޓް މަހު އަލުން ހުޅުވާނެ ކަމަށް ކަމަށް އެ ގައުމުން ބުނެފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން، ޓޫރިޒަމް ހުޅުވައިލާނީ ހުރިހާ ގައުމަކަށެވެ. ނަމަވެސް މަދުވެގެން ކޮންމެ މީހަކު ވެސް ފަސް ރޭ ލަންކާގައި ހޭދަ ކުރަން ޖެހޭނެ އެވެ.
ލަންކާ އަށް އަލުން ދަތުރުތައް ހުޅުވައިލާއިރު، އެ ގައުމުގައި އޮޕަރޭޓް ކުރާނީ ތިން އެއާޕޯޓެވެ. އެއީ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓާއި ކޮލަންބޯ ރަތުމަލަނާ އެއާޕޯޓާއި އެމްއާރުއައިއޭ އެވެ.
ޓޫރިސްޓުންނަށް ހުޅުވައިލަން ނިންމި ނަމަވެސް ލަންކާ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން، އެ ގައުމުގެ ބޯޑަރުން އެތެރެވެވޭނީ ކޮވިޑް-19 ގެ ޓެސްޓު ހެދުމަށް ފަހު ނެގެޓިވްކަން ޔަގީން ވުމުންނެވެ. ލަންކާގެ އެއާޕޯޓަށް ފައިބާ ކޮންމެ މީހަކު ވެސް ކޮންމެ މީހަކު އެ ބައްޔަށް ޓެސްޓު ކުރާނެ އެވެ. އެ ޓެސްޓަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.
ލަންކާ އަށް އެތެރެވާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ 14-21 ދުވަހަށް އެ މީހަކު ކަރަންޓީން ކުރާނެ އެވެ. އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ޗުއްޓީ ހޭދަކުރާ ފަސް ދުވަހުގެ މުއްދަތުގައި އިތުރު ޓެސްޓެއް ހަދާނެ އެވެ. އަދި 10 ދުވަހަށް ވުރެ އިތުރު ވެއްޖެ ނަމަ ތިންވަނަ ޓެސްޓެއް ވެސް ހަދަން އެ ގައުމުން ވަނީ ނިންމައިފަ އެވެ. މި ޓެސްޓުތައް ހަދާނީ އެ ބަޔަކު ތިބޭ ތަނަކާ ގުޅިގެން ސަރުކާރުންނެވެ.
ކޮވިޑް-19 ގެ ޓެސްޓުގެ ނަތީޖާ ލިބުމަށް ހޭދަވާ ވަގުތު އަވަސް ކުރުމަށް ވެސް ލަންކާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު 24 ގަޑިއިރު ތެރޭގައި ލިބޭއިރު އޯގަސްޓު މަހާ ހަމައަށް އެ ވަގުތު 4-6 ގަޑިއިރަށް މަދު ކުރެވޭނެ ކަމަށް ލަންކާ އިން ވަނީ ލަފާކޮށްފަ އެވެ.
ވިސާފީގެ ގޮތުގައި 100 ޑޮލަރު ނެގުމަށް ލަންކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ވިސާ އަށް އެދި އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، ޓޫރިސްޓުން ތިބެން ހަމަޖައްސާ ހޮޓާތަކުގެ ތެރެއިން އެ މީހަކު ބުކިން ހައްދާ ހޮޓަލުގެ މައުލޫމާތާއި ލަންކާގައި ހުންނަ މުއްދަތު އެނގޭނެހެން ރިޓާން ޓިކެޓުގެ މައުލޫމާތާއި މެޑިކަލް އިންޝުއަރެންސް، ވިސާ އެޕްލިކޭޝަނާ އެކު ފޮނުވަން ޖެހޭނެ އެވެ.
ވިސާ އަށް އެދޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް 30 ދުވަހުގެ ވިސާ ލިބޭނެ އެވެ. އަދި އެ މުއްދަތު އިތުރު ކުރަން ބޭނުންވާ މީހުންނަށް އޮންއެރައިވަލްއާ އެކު ހަ މަސް ދުވަހަށް އިތުރު ކޮށްދޭނެ އެވެ.
ލަންކާގެ ޓޫރިޒަމާ އެކު، އެ ގައުމުގެ ޓޫރިސްޓު މަންޒިލްތައް ވެސް ހުޅުވާލާނެ އެވެ. މި ތަންތަނަށް ދަތުރުކުރުމަށް އަމިއްލަ އަށް އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ އަންގައިފަ އެވެ. ޓޫރިސްޓުންނަށް ވެސް ޕަބްލިކް ޓްރާސްޕޯޓު ބޭނުން ކުރުން އެ މުއްދަތުގައި މަނާވާނެ އެވެ.