05 ޖޫން 2020 - 17:04

ގޮނޑުން ހޮވި ތަކެތިން ވެންޓިލޭޓަރެއް އުފެއްދި އުމުރުން 19 އަހަރުގެ އަހުމަދު އަޝްހަމް އަށް ފެނަކައިން ވަޒީފާގެ ފުރުސަތު ދީފި އެވެ.
މި ފުރުސަތު އަޝްހަމަށް ދިނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ފޯނު ގުޅުއްވަ އެވެ. އޭނާ ވަނީ އަޝްހަމްގެ މަސައްކަތަށް މަރުހަބާ ވިދާޅުވެ އޭނާ އަށް މުސްތަގުބަލުގައި ފެނަކައިގައި ވަޒީފާގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާނުންނަށް ވެސް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ށ. ގޮއިދު އަށް އުފަން އަޝްހަމް އުފެއްދި ވެންޓިލޭޓަރަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ނައިބުރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަޝްހަމް އުފެއްދި ވެންޓިލޭޓަރަކީ ދަތި ހާލަތެއްގައި ބޭނުން ކުރަން އެކަށީގެންވާ ވެންޓިލޭޓަރެއް ކަމަށް ގޮއިދޫގެ ޑޮކްޓަރުން ވެސް ވަނީ ބުނެފަ އެވެ. މި ވެންޓިލޭޓަރުން ބަލިމީހާ އަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދޭއިރު ކަރަންޓު ހިނގައްޖެ ނަމަ އެކަން އެންގުމަށް އެލާމް އަޅައި ދިއްލޭ ފިތެއް ވެސް އޭގައި ވަނީ ހަރުކޮށްފަ އެވެ.
މި ވެންޓިލޭޓަރުގެ އިތުރަށް ފުރިހަމަ ކުރުމަށް މިހާރު އަޝްހަމް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއަށްފަހު ވެންޓިލޭޓަރު އެ ރަށުގެ ސިއްހީ މަރުކަޒަށް ހަދިޔާ ކުރަން އޭނާ ވަނީ ނިންމައިފަ އެވެ.
އަޝްހަމްގެ މި ހުނަރުގެ އަގުވަޒަން ކުރުމުގެ ކުރުމުގެ ގޮތުން ފެނަކައިން ވަޒީފާގެ ފުރުސަތު ދިން ނަމަވެސް އަޝްހަމް ބޭނުން ވަނީ ޕައިލެޓަކަށްވާން ކަމަށް އޭނާ ވަނީ "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.