05 ޖޫން 2020 - 16:22

މިނިއާޕޮލިސް (ޖޫން 5) - ޖޯޖް ފްލޮއިޑުގެ މަރަކީ "ނަސްލީ ތަފާތު ކުރުމުގެ ވަބާ" ގެ ނަތީޖާ ކަމަށް އެ އާއިލާގެ ވަކީލް ބެންޖަމިން ކްރަމްޕް ވިދާޅުވެއްޖެ އެވެ.

"ޖޯޖް ފްލޮއިޑް މަރުވީ ކޮރޯނާވައިރަހުގެ ވަބާގައެއް ނޫން. އެއީ އެހެން ވަބާއެއް. އެއީ ނަސްލީ އިމްތިޔާޒާއި ތަފާތު ކުރުމުގެ ވަބާ،" އޭނާ ވިދާޅުވި އެވެ.
ފްލޮއިޑުގެ މެމޯރިއަލް ސާވިސްގައި ބައިވެރިވުމަށް ރޭ ހާޒިރުވި އެތައް ބަޔަކު ވަނީ އަށް މިނިޓް 46 ސިކުންތުގެ ސްކޫތެއް ގެނެސްފަ އެވެ. އެއީ މިނިއާޕޮލިސްގައި ފުލުހެއްގެ އަނިޔާވެރި އަމަލެއްގެ ކޮންޓްރޯލްގެ ދަށުގައި ފްލޮއިޑް އޮތް ވަގުތެވެ. އޭނާ ދުނިޔެ ދޫކުރީ ދޮން ނަސްލުގެ ފުލުހަކު ކަރަށް ކަކުން އަރައި ފިއްތައިގެން ހުރުމުންނެވެ. ނޭވާ ނުލެވޭ ކަމަށް ގޮވައި ފްލޮއިޑް އާދޭސް ކުރަމުން ދިޔަ އިރު ވެސް އެ ފުލުސް މީހާ ވަނީ އެ ގޮތުގައި، އަށް މިނިޓް 46 ސިކުންތު ހޭދަކޮށްފަ އެވެ.
އެމެރިކާގައި މަދަނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ އަލް ޝާޕްޓަން ވަނީ މިއީ އެންމެން ތެދުވެ "ކަރުން ކަކޫ ނައްޓާލަންވީ ވަގުތު ކަމަށް" ގޮވާލައިފަ އެވެ.
ފްލޮއިޑް މަރާލި މަންޒަރުގެ ވީޑިއޯތައް އާއްމުވުމާ އެކު މުޅި އެމެރިކާގައި ވަނީ މުޒާހަރާތައް ކުރަން ފަށައިފަ އެވެ.
ފްލޮއިޑުގެ ކަރަށް ފައިން އަރައިގެން ހުރި ފުލުސް މީހާ ޑެރެކް ޗައުވިންގެ މައްޗަށް ވަނީ މީހަކު މަރާލުމުގެ ދެވަނަ ދަރަޖައިގެ ކުށުގެ ދައުވާކޮށްފަ އެވެ. އަންނަ ހޯމަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރާނެ އެވެ. އެކަމުގައި ބައިވެރިވެ އޭނާ އަށް އެހީތެރިވެ ދިން އަނެއް ތިން ފުލުހުން އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ މީހުންގެ ކަފާލާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއް މިލިއަން ޑޮލަރެވެ. ޝަރުތައް ގަބޫލްކޮށް އަތުގައި ހުރި ބަޑިތައް ހަވާލުކޮށްފި ނަމަ އެ އަދަދު 750،000 ޑޮލަރަށް ކުޑަކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މެއި މަހު 25 ވަނަ ދުވަހު ފްލޮއިޑް، 46، ހައްޔަރު ކުރަން ފުލުހުން ދިޔައީ ވަގު ނޭޓް ބޭނުންކޮށްގެން އޭނާ ސިނގިރޭޓް ފޮއްޓެއް ގަތް މައްސަލައެއް ރިޕޯޓް ކުރުމުންނެވެ. ފުލުހުން ގޮސް ބިޑިއަޅުވައި ފްލޮއިޑް ބިންމައްޗަށް ވައްޓާލުމަށް ފަހު ކަރަށް ކަކުން އެރީ ޗައުވިން އެވެ. ނޭވާ ނުލެވި މަރުވަނީ ކަމަށް ފްލޮއިޑް ގޮވަމުން ދިޔަ އިރު ވެސް ފުލުސް މީހާ ދޫދީފައެއް ނުވެ އެވެ. އެ ވަގުތު އަނެއް ތިން ފުލުހުން ވެސް ފްލޮއިޑް ސަލާމަތް ކުރުމުގެ ބަދަލުގައި، ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.