05 ޖޫން 2020 - 01:55

މާލޭ ސިޓީ ކައުންސިލުން ދޫކުރަމުން އައި ބިޒްނަސް ޕާމިޓް ފުލުހުން ދޫކުރަން ފެށި ފަހުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިތަކަށް 4،000 އަށް ވުރެން ގިނަ ފާސްދޫކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިދިޔަ މަހުގެ 28 އިން ފެށިގެން މާލޭ ސިޓީ ކައުންސިލުން ދޫކުރަމުން އައި ވިޔަފާރިތަކުގެ ހުއްދަ ބުދަ ދުވަހުން ފެށިގެން ދޫކުރަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ފުރަތަމަ ފުލުހުން ފާސްދޫކުރީ ކުރިން އެދިފައިވާ ފަރާތްތަކަށް ކަމަށެވެ. ފާސް ހޯދަން ހުށަހަޅައި، ރޭ ދަންވަރާ ހަމައަށް ނުނިމި ހުރި ހުރިހާ ފާސްތަކެއް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 1،380 ބިޒްނަސް ޕާމިޓާއި ބިޒްނަސް ތަކުގެ ސަޕޯޓް ސްޓާފުންގެ ގޮތުގައި 3534 ޕާމިޓް ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރަށް މިހާތަނަށް 9739 މީހުންނަށް ޑެލިވަރީ ފާސްތައް ދޫކޮށްފައިވާ ކަމަށާއި ޑެލިވަރީގެ ސަޕޯޓް ސްޓާފުންގެ ގޮތުގައި 12180 ފާސް ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ މަހުގެ ލޮކްޑައުންއަކަށް ފަހު އުމުރުން ދުވަސްވީ މީހުންނަށް ފަތިހު ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ވަނީ ދީފަ އެވެ. ކަސްރަތަށް ބޭރަށް ނުކުންނަ އުމުރުން ދުވަސްވީ މީހުންނަށް ވެސް 900 އަށް ވުރެން ގިނަ ފާސްދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ލޮކްޑައުން ހާލަތުގައި ބޭރަށް ދިއުމަށް އޮކޮމިކް މިނިސްޓްރީ އާއި ސިޓީ ކައުންސިލުން މިހާތަނަށް ދޫކޮށްފައިވާ ފާސްތަކަށް އަލުން ފުލުހުންގެ އިދާރާގައި އެދެން ނުޖެހޭނެ ކަމަށެވެ.
"ޕާމިޓް ދޫކުރުން ފުލުހުންނަށް ބަދަލުކުރިޔަސް، މިހާތަނަށް ލިބިފަ ހުރި އެއްޗެއް ޕްރޮސެސްކޮށްފައި އަޅުގަނޑުމެން ފުލުހުންނަށް ފޮނުވާ ގޮތަށް މިއޮތީ އެއްވެސް ފަރާތަކަށް ދެވަނަ ފަހަރަށް ފާހަށް އެދޭކަށް ނުޖެހޭނެ" ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވި ގޮތުގައި ލޮކްޑައުން ހާލަތުގައި ބޭރަށް ދިއުމަށް ދޫކުރާ ފާސްތައް ސިޓީ ކައުންސިލާ އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުންނަށް ބަހާލައިގެން އޮތް އޮތުން ބަދަލުކޮށް ހުރިހާ ފާހެއް ފުލުހުން ދޫކުރާ ގޮތަށް ހަމަޖެއްސީ، ރައްޔިތުންނަށް ވެސް އަދި އިދާރާތަކަށްވެސް ފަސޭހަކޮށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
"ވިހާވެސް ފަސޭހައިން މައުލޫމާތުތައް ހުށަހަޅައިގެން ކުރު މުއްދަތެއްގެ ތެރޭގައި ފާސް ލިބޭނެ ގޮތް މިހާރު ހަމަޖައްސަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ، އެހެންވީމާ އެގޮތަށް ވިސްނާފައި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދިވަޑައިގަންނަވަން ޖެހޭ ގޮތަށް ބަދަލުކުރީ" ވިސާމް ވިދާޅުވި އެވެ.