ހިތުގެ ބަލީގެ މީހުން ކޮފީ ބޯންވާނެތަ؟
ހިތުގެ ބަލީގެ މީހުން ކޮފީ ބޯންވާނެތަ؟

(ހެލްތުޑޭ ނިއުސް) - ކެފެއިން ހުންނަ ބުއިންތަކުން، ހިތުގެ ބަލިތައް ހުންނަ މީހުންގެ ހިތުގެ ހިނގުން ހަމައިން ނެއްޓި ނުރައްކާތެރި ހާލަތެއް މެދުވެރި ވެދާނެ ކަމަށް ޑޮކްޓަރުން އިންޒާރު ދެއްވަ އެވެ. ނަމަވެސް ބްރެޒިލްގައި އަލަށް ކުރި ދިރާސާއަކަށް ފަހު ބުނަނީ ޑޮކްޓަރުންގެ މި އިންޒާރަކީ ތެދެއް ކަމަށް ނުބެލެވޭ ކަމަށެވެ.

"ދިރާސާއިން ދައްކަނީ ހިތުގެ ބަލި ހުންނަ މީހުން އާދައިގެ މިންވަރަކަށް ކެފެއިން ބޭނުންކުރިޔަސް އެކަމުގެ މާބޮޑު ނުރައްކަލެއް ނެތް ކަމަށް،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ލުއީސް ރޯޑް ވިދާޅުވެފައިވެ އެވެ. އޭނާ އަކީ ބްރެޒިލްގެ ފެޑެރަލް ޔުނިވަސިޓީ އޮފް ރިއޯ ގްރާންޑް ޑޮ ސުލް ޕޯޓޯ އެލެގްރީގެ ހިތުގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޑުގެ ތަޖުރިބާކާރެކެވެ.

ރޯޑް ވިދާޅުވި ގޮތުގައި ކެފެއިން އަކީ ހިތުގެ ހިނގުން އަވަސްކުރުވާ އަދި ހިތުގެ ހިނގުން ހަމައިން ނެއްޓުމަށް މެދުވެރިކުރުވާ އެއްޗެއްގެ ގޮތުގައި ވަރަށް ކުރިން ސުރެ އޮންނަނީ ގަބޫލުކުރެވިފަ އެވެ.

"މި ގަބޫލުކުރެވުމާ ހެދި، ހިތުގެ މައްސަލަ ހުންނަ މީހުން ކެފެއިން މަދުކުރުމަށް ޑޮކްޓަރުން އާންމު ގޮތެއްގައި ލަފާ ދެއްވާ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ކެފެއިންއާ ހިތުގެ ހިނގުމަށް ބަދަލު އައުމާ އެއްވެސް ގުޅުމެއް ހުރި ކަމަކަށް ރޯޑް އާއި އޭނާގެ ޓީމުގެ ދިރާސާއަކުން ނުދައްކަ އެވެ. އެ ޓީމުން ބުނީ މިއީ ދިގު މުއްދަތުގައި ކެފެއިން އިން ކުރާ އަސަރު ބެލި ދިރާސާއެއް ނޫން ކަމަށެވެ.

"ހިތުގެ މައްސަލަ ހުންނަ މީހުން ކެފެއިން ހުއްޓާލުމަށް ނުވަތަ ވަކި މިންވަރަކަށް މަދުކުރުމަށް ދޭ ލަފަޔާ މި ދިރާސާ އިން ދޮގުކުރޭ،" ރޯޑް ވިދާޅުވެފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ކުރި ދިރާސާ މިހާރު ވަނީ ޖަމާ އިންޓާނަލް މެޑިސިންގެ މި މަހުގެ 17 ވަނަ ދުވަހުގެ އަދަދުުގައި ޝާއިއުކޮށްފަ އެވެ.