05 ޖޫން 2020 - 10:35

ކޮރޯނާވައިރަސްގެ ސަބަބުން އެއް ބަޔަކު ވަރަށް ކުޑަކޮށް ބަލިވާ އިރު އަނެއް ބައެއްގެ ހާލަތު އެހާ ސީރިއަސް ވަނީ ކީއްވެގެން ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ހޯދަން ޖެނެޓިކް ދާއިރާގެ ސައިންސްވެރިން ގެންދަނީ ޑީއެންއޭ އާއި އެކަމާ އެއްވެސް ކަހަލަ ގުޅުމެއް އޮތްތޯ ބަލަމުންނެވެ. ޔޫރަޕްގެ ސައިންސްވެރިންގެ ބަޔަކު ކުރި ދިރާސާއަކުން މިހާރު ވަނީ، އެ ވައިރަސް އިން ޖެހޭ ކޮވިޑް-19 އާއި ޖެނެޓިކްގެ ގޮތުން އޮތް ގުޅުންތަކެއް ފާހަގަކުރެވިފަ އެވެ.
އެ ދިރާސާއިން ދެއްކި ގޮތުގައި، ޖެނެޓިކްގެ ގޮތުން އަންނަ ކުޑަ ދެ ބަދަލެއްގެ ސަބަބުން ބައެއް މީހުންގެ ނޭވާލާ ނިޒާމް ފެއިލްވުމުގެ ފުރުސަތު ބޮޑުވެ އެވެ. އޭގެ ތެރެއިން އެއް ބަދަލު ނިސްބަތްވަނީ އިންސާނުގެ ހަށިގަނޑުގައި ދައުރުވާ ލޭގެ ގްރޫޕް ކަނޑައަޅައިދޭ ޖީންއަށެވެ.
ޓައިޕް އޭގެ ލޭ ގްރޫޕްގެ ބަލިމީހުން، ލޭގެ އެހެން ގްރޫޕްތަކުގެ މީހުންނަށް ވުރެ، ކޮވިޑް-19 ގައި އޮކްސިޖަން ދޭން ޖެހުމާއި ވެންޓިލޭޓަރަށް ލުމުގެ ފުރުސަތު 50 ޕަސެންޓަށް ބޮޑުވާ ކަމަށް، އެ ދިރާސާ އިން ވަނީ ދައްކައިފަ އެވެ.
އިންސާނާގެ ސެލް ތެރެއަށް ވަދެގަތުމަށްޓަކައި ކޮރޯނާވައިރަސްގެ އެހީތެރިޔަކަށް ވަނީ، ސެލްގެ މަތީ ފަށަލާގައި އޮންނަ ޕްރޮޓީންއެއް ކަމަށް ވާ އޭސީއީ2 އެވެ. އެކަމަކު އޭސީއީ2 އަށް ޖެނެޓިކްގެ ގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން، ކޮވިޑް-19ގެ ނުރައްކާ ވަކި ބަޔަކަށް ބޮޑުވާ ކަމަކަށް، ދިރާސާއަކުން ނުދައްކަ އެވެ.
މި ދިރާސާއިން ހަގީގަތުގައި ބުނެދެނީ ކުރިން މާ ބޮޑަށް އަޅާނުލެވި އޮތް ބައެއް ސަބަބުތަކުން ބައެއް މީހުންނަށް ކޮވިޑް-19 ވަރަށް ނުރައްކާތެރި ބައްޔަކަށް ވުމުގެ ފުރުސަތު އޮވެދާނެ ކަމެވެ.
މިހާރު ވެސް މި ބަލީގެ ނުރައްކާތެރިކަން ބޮޑުވެދާނެ ސަބަބުތަކެއް ސައިންސްވެރިން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އުމުރާއި ވަކި ކަހަލަ ބަލިތަކެއް ޖެހިފައިވާ މީހުން ހިމެނެ އެވެ. މިސާލަކަށް ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސް ވީ މީހުންނަށެވެ. އަދި ކިޑްނީ ބައްޔާއި ހަކުރު ބަލި ފަދަ ބަލިތައް ހުންނަ މީހުންނަށް ވެސް ނުރައްކާ ބޮޑެވެ. އެކަމަކު ޖެނެޓިކްގެ ގޮތުން އެއްވެސް ކަހަލަ ގުޅުމެއް އޮތްތޯ މީގެ ކުރިން މާ ބޮޑަށް ބަލައިފައެއް ނުވެ އެވެ. އެހެންކަމުން ޖީންއާ ބެހޭ ސައިންސްވެރިން އުއްމީދުކުރަނީ އެ ގުޅުންތައް ހޯދިއްޖެ ނަމަ ކޮވިޑް-19ގެ ނުރައްކާ ބޮޑު މީހުން މިހާރަށް ވުރެ މާ ރަނގަޅަށް ދެނެގަނެވޭނެ ކަމަށެވެ.
ބަލީގެ ނުރައްކާ ބޮޑުކޮށްދޭ ޖެނެޓިކް ބަދަލުތަކެއް ސާބިތުކޮށްދިނުމަކީ، ކޮވިޑް-19 އަށް ކުރިމަގުގައި ތައްޔާރުކުރާ ފަރުވާތަކަށް ވެސް ބޮޑު އެހީއަކަށް ވާނެ ކަމެކެވެ.
ފެބްރުއަރީގައި މި ބަލިމަޑުކަން ވަރުގަދަވާން ފެށި ވަގުތު ޖަރުމަނުގެ ޔުނިވަސިޓީ އޮފް ކީލްގެ މޮލެކިޔުލާ ޖެނެޓިސިސްޓް އެންޑްރޫ ފްރޭންކް އާއި އޭނާގެ މަސައްކަތު ބައިވެރިވެރިން ވަނީ، އޭރު އެންމެ ބޮޑު ނުރައްކަލަކަށް ވެއްޓިފައި އޮތް އިޓަލީ އާއި ސްޕޭންގެ ޑޮކްޓަރުންނާ ގުޅިގެން މައުލޫމާތު ބަދަލުކުރާނެ ނިޒާމެއް ގާއިމްކޮށްފަ އެވެ.
އޮކްސިޖަން ބޭނުންވި ނުވަތަ ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހުނު 1،610 މީހެއްގެ ލޭގެ ސާމްޕަލް އެ ޑޮކްޓަރުން ނެގި އެވެ. އަދި ފްރޭންކްގެ ޓީމުން އެ ސާމްޕަލްތަކުގެ ޑީއެންއޭ ވަކިކޮށް، ޖެނެޓައިޕިންގެ ނަން ދީފައިވާ އުކުޅެއް ބޭނުންކޮށްގެން ސްކޭންކުރި އެވެ.
އެކަމަކު އެއިން ކޮންމެ ބަލިމީހެއްގެ ތިން ބިލިއަން ޖެނެޓިކް ލެޓާސް މި ދިރާސާގައި ބަލައިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސައިންސްވެރިން އަމާޒުކުރީ ނުވަ މިލިއަން ލެޓާސްއަށެވެ. ދެން ސައިންސްވެރިން ބެލީ، ކޮވިޑް-19 ނުޖެހޭ 2،205 މީހެއްގެ ލޭގެ ސާމްޕަލްތަކެވެ.
ސައިންސްވެރިން މަސައްކަތްކުރީ ޖިނޯމްގައި ހިމެނޭ ވަކި ސަރަހައްދުތަކަކަށް އަންނަ ތަފާތުތައް ފެނޭތޯ އެވެ. ކޮވިޑް-19 އެންމެ ނުރައްކާވި ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑުގައި، ބަލިނުޖެހޭ މީހުންނާ ހިލާފަށް، ދާދި އެއްގޮތް ބަދަލުތަކެއް އައިސްފައިވާ ސަރަހައްދުތަކެއް ހިމެނެ އެވެ. އެ ގޮތުން ދެ ސަރަހައްދެއް ފާހަގަކުރެވުނެވެ. އޭގެ ތެރެއިން އެއް ތަނަކީ، ލޭގެ ގްރޫޕް ކަނޑައެޅުމުގެ މެދުވެރިޔަކަށް ވާ ޖީން ހިމެނޭ ސަރަހައްދެވެ.
ތަފާތެއްގެ ގޮތުގައި ސައިންސްވެރިންނަށް ދެން ފެނުނު ސަރަހައްދާއި، ކޮވިޑް-19އާ މާ ބޮޑު ގުޅުމެއް އޮތްކަން ވެސް ފާހަގަކުރެވުނެވެ. އެކަމަކު ލޭގެ ގްރޫޕް ކަނޑައަޅައިދޭ ޖީންއާ ހިލާފަށް، އެ ސަރަހައްދަށް ތަފާތު ހަ ޖީންއެއް ނިސްބަތްވެ އެވެ. އެހެންކަމުން އޭގެ ތެރެއިން ކޮވިޑް-19 އަށް ފުރުސަތު ބޮޑުކޮށްދެނީ ކޮން ޖީންއަކުން ކަން މިވަގުތު ކަނޑައެޅޭނެ ގޮތެއް ނުވި އެވެ.
ޓައިޕް އޭގެ ލޭ ހުންނަ މީހުންނަށް ކޮވިޑް-19ގެ ނުރައްކާ ބޮޑުވާކަން މީގެ ކުރިން ވެސް ލަފާކޮށްފައިވެ އެވެ. ކޮވިޑް-19 ގެ ބަލިމީހުންގެ ލޭގެ ގްރޫޕްތައް ދިރާސާކުރި ޗައިނާގެ ސައިންސްވެރިންނަށް ވެސް ފެނުނީ ޓައިޕް އޭގެ މީހުންނަށް ބަލީގެ ނުރައްކާ މާ ބޮޑުކަމެވެ.