ރައީސާއި މަޖިލީހުގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
ރައީސާއި މަޖިލީހުގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައި ތަރައްގީގެ މަޝްރޫތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ދެ ބޭފުޅުން ބޭއްވެވި ރަސްމީ މި ބައްދަލުކުރެއްވުމުގެ ތިން ފޮޓޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވަނީ ޓުވީޓް ކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ އެޖެންޑާ ތަންފީޒުކުރުމުގައި މުހިއްމު އަމާޒުތަކާއި އިސްކަންދޭންވީ ކަންކަމާ ގުޅޭ ގޮތުން ނަޝީދާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ މުއައްސަސާއެއް ކަމަށާއި ދިވެހިންނަށްޓަކައި އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައިރު ދެ ބޭފުޅުން ވެސް ތިއްބެވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމާބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދާ އެއްގޮތަށް މާސްކް އަޅުއްވައިގެންނެވެ.

ރައީސްގެ ޓްވީޓްގައި ހިމަނުއްވާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ރައީސުން ވަނީ މުލިއާގޭ ދޮރުމަތީގައި ހުންނަވައި އާންމުންގެ މީހަކާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ރައީސާއި މަޖިލީހުގެ ރައީސް ނަޝީދު ބައްދަލު ކުރައްވާފައިވާއިރު މިފަހުން ބައެއް ކަންކަމުގައި އެމްޑީޕީގެ ތެރޭގައި ވަނީ ދެބަސްވުންތައް އުފެދިފަ އެވެ. ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ބައެއް ކަންކަމުގައި އަމަލުކުރަމުން އަންނަ ގޮތާ މެދު އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ނަޝީދު ވެސް މިފަހުން ވަނީ ފާޑު ވިދާޅުވެފަ އެވެ. މެމްބަރުންގެ ފާޑުކިޔުންތަކާ ގުޅިގެން ކެތްކުރެއްވޭނީ ވަކި ވަރަކަށް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވެސް ނަޝީދު މިފަހުން ވިދާޅުވި އެވެ. އަދި ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކަށް ނަތީޖާ ނުނެރެވޭތީ އެކަމަށް ވެސް އެމަނިކުފާނު ފާޑުވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރަން ޖެހުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހާ މެދުވެސް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ. ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރަން ސުޕްރީމް ކޯޓުން ލަފާ ދިނުމުން އެމްޑީޕީއާއި ކޯލިޝަން ޕާޓީތަކުގެ މެމްބަރުން ވަނީ އެ އިސްލާހު ފާސްކުރަން ވޯޓް ދެއްވައިފަ އެވެ.