04 ޖޫން 2020 - 19:41

ސެންޓަރުތަކަށް، އޭ ލެވެލް އިމްތިހާނުގެ ސެޓްފިކެޓުތައް ފޮނުވަން މިއަދު ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޭ ލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް މާލޭގެ ސެންޓަރުތަކަށް ފޮނުވާފައިވާ ކަމަށެވެ.
އެ ތަންތަނުން އަންނަ ހަފުތާގައި ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރާނެ ކަމަށާއި ނަމަވެސް ފުރަތަމަ ލިބޭނީ އެދިފައިވާ ދަރިވަރުންނަށް ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންގެ އޭ ލެވެލް އަދި އޯ ލެވެލް ސެޓްފިކެޓުތައް ލިބުން ލަސްވުމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އޯ ލެވެލް ސެޓްފިކެޓުތައް ވެސް ހުރީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށް އަހުސަން ވިދާޅުވި އެވެ.
މިނިސްޓްރީން ކުރިން ބުނީ، ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސިވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުންކޮށްފައިވުމުން ވެސް ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވި ކަމަށެވެ.
މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެ ނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވޭނެ ކަމަށާއި އެ ނަތީޖާ ކަށަވަރުކުރަން އިތުރު ލިޔުމެއް ބޭނުންވާ ނަމަ ޑީޕީއީއަށް[email protected]އަށް މެއިލަކުން އެދެވޭނެ އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު/ނޮވެމްބަރުގައި 1،500 އާ ގާތްކުރާ އަދަދަކަށް އޭ ލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރިވި އެވެ.