04 ޖޫން 2020 - 17:54

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކަށަވަރު ޝޯރޫމްގެ ހިދުމަތް އަލުން ފަށައިފި އެވެ.
ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު އެމްޓީސީސީން ވަނީ ކަށަވަރު ޝޯރޫމުން ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތް މެދުކަނޑާލައިފަ އެވެ. މި މުއްދަތުގެ ތެރޭގައި އެ ޝޯރޫމުން ޑެލިވަރީގެ ހިދުމަތް ދިނެވެ. ނަމަވެސް މިއަދުން ފެށިގެން އެ ޝޯރޫމް އަނެއްކާވެސް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަށަވަރު ޝޯރޫމް މިހާރު ހުޅުވާފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:30 އަށެވެ. އަލުން ޝޯރޫމް ހުޅުވި ނަމަވެސް އެތެރޭގައި ތިބެވޭނީ ފަހަރަކު ތިން ކަސްޓަމަރުންނަށެވެ. ހުރިހާ ކަސްޓަމަރުން ވެސް ތިބެންޖެހޭނީ މާސްކު އަޅައިގެން ކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދަނޑިވަޅު ރައްކާތެރި ގޮތުގައި ހިދުމަތް ދިނުމަށް އެ ޝޯރޫމް އޮތީ ތައްޔާރަށެވެ. އެގޮތުން ސޯޝަލް ޑިސްޓެންސިން އަށް ބަލައިގެން ކަސްޓަމަރުން ތިބޭނެ އިންތިޒާމާއި އެ ޝޯރޫމަށް ވަންނަ ކޮންމެ ކަސްޓަމަރެއްގެ ހުންބަލާނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާނެ ކަމަށް އަދުހަމް ވިދާޅުވި އެވެ.
ކުރިއާ ހިލާފަށް މިހާރު އެ ޝޯރޫމަށް ވަދެވޭނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސޯމިލް ގޭޓުންނެވެ. މި ގޭޓުން ވަންނަ ކަސްޓަމަރުން ތިބޭނެ އިންތިޒާމް ގޯތި ތެރޭގައި ވަނީ ހަމަޖައްސައިފަ އެވެ.