ފިޓްބިޓްގެ ވެންޓިލޭރަށް އެފްޑީއޭގެ ހުއްދަ ދީފި
ފިޓްބިޓްގެ ވެންޓިލޭރަށް އެފްޑީއޭގެ ހުއްދަ ދީފި

ސިއްހަތާ ގުޅުން ހުރި ސްމާޓް ޑިވައިސްތައް އުފައްދާ ކުންފުނި ފިޓްބިޓުން ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން އުފެއްދި ވެންޓިލޭޓަރަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.

ފިޓްބިޓުން އެންމެ މި ޒަމާނުގެ އެޑްވާންސް ވެންޓިލޭޓަރު އުފައްދަން ނިންމިކަން އިއުލާންކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު ވެސް އެ މަސައްކަތް އޮތީ ފަށައިފަ އެވެ. އެ ކުންފުނީގެ ވެންޓިލޭރަކީ އިމަޖެންސީ ހާލަތްތަކުގައި ކޮވިޑް-19 ގެ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރެވޭނެ ވަރަށް ވެސް ފުރިހަމަ އުފެއްދުމަކަށް ވާނެ ކަމަށް ފިޓްބިޓުން ބުންޏެވެ.

"ފްލޯ" ގެ ނަން ދީފައިވާ ވެންޓިލޭޓަރަށް އެފްޑީއޭގެ އެޕްރޫވަލް މިހާރު ރަސްމީކޮށް ލިބިފައިވާތީ ޕްރޮޑަކްޝަން ފަށައި، ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ އެވެ.

ފިޓްބިޓުން ބުނީ 5،000 ޑޮލަރަށް ވުރެ ބޮޑު ނޫން އަގަކަށް "ފްލޯ" ވިއްކޭނެ ކަމަށެވެ. އެ ކުންފުނުން ބުނިގޮތުގައި މި މަހުގެ ތެރޭގައި ވިޔަފާރި އުސޫލުން ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ފަށައިގަންނާނެ އެވެ.

ފިޓްބިޓްގެ އެއް ބާނީ އަދި ސީއީއޯ ޖޭމްސް ޕާކް ވިދާޅުވީ އަމާޒަކީ ކޮވިޑް-19އާ ހަނގުރާމަކުރަމުން އަންނަ ހުރިހާ ގައުމަކާ ހަމައަށް ވެސް ދާ ވަރަށް ވެންޓިލޭޓަރު އުފެއްދުން ކަމަށެވެ.

"އަހަރެމެންގެ އެކްސްޕަޓީޒްގެ މި މަސައްކަތަކީ މި ބަލިމަޑުކަމުގެ ތެރޭގައި ގެނެސްދެވޭ ވަރަށް ވެސް ބޭނުންތެރި މުހިއްމު އުފެއްދުމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ކުރީކޮޅު އެފްޑީއޭ އިން ވަނީ އެމެރިކާ ޖައްވީ އިދާރާ ނާސާ އުފެއްދި ވެންޓިލޭޓަރަކަށް ވެސް އެޕްރޫލް ދީފަ އެވެ.

ކޮވިޑް-19އާ އެކު ވެންޓިލޭޓަރު އުފައްދަން ނުކުތް މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ޓެސްލާ އާއި ފޯޑް ވެސް ހިމެނެ އެވެ.