04 ޖޫން 2020 - 14:31

ސަރުކާރުން އެކި ފަރާތްތަކުގެ އަތުން ނަގާފައިވާ ލޯނުތަކަށް މި އަހަރުގެ މިހާތަނަށް 489 މިލިއަން ރުފިޔާ ދައްކައިފި އެވެ.
ސަރުކާރުން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ މިހާ ހިސާބަށް ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކާފައިވަނީ 471 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓުގައިވާ ގޮތުން 1.8 ބިލިއަން ރުފިޔާ ލޯނުތަކަށް އަނބުރާ ދައްކަން ޖެހެ އެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ހާލަތަށް އައިސްފައިވާ ބަދަލާ އެކު ލޯނު ދެއްކުމުގައި ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ސަރުކާރުން މިހާރު ވެސް ނަގާފައިވާ ލޯނުތަކުގެ ތެރެއިން 79 ލޯނަކަށް އަންނަނީ ފައިސާ ދައްކަމުންނެވެ. މީގެ ތެރޭގައި 1979 ވަނަ އަހަރު ނަގާފައިވާ ލޯނުން ފެށިގެން 2016 ވަނަ އަހަރު ނަގާފައިވާ ލޯނުތައް ވެސް ހިމެނެ އެވެ. އެހެންކަމުން ކުރީގެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް އަދިވެސް ފައިސާ ނުދެއްކި އެބަހުއްޓެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން މިހާރު ރާއްޖޭގެ ދަރަނި ހުރީ 55.7 ބިލިއަން ރުފިޔާގަ އެވެ. ކޮވިޑް-19 ގެ ހާލަތާ އެކު ދައުލަތުގެ ދަރަނި 70 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ.
މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ ނަމަ 84 ޕަސެންޓާއި 95 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 57 ބިލިއަން ރުފިޔާގަ އެވެ.
މިއަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ ތިން ލޯނެއް ނަގައިފަ އެވެ. އެއީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން ނަގާފައިވާ ލޯނަކާއި އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން އިން ނަގާފައިވާ ދެ ލޯނެކެވެ. ސަރުކާރުން އަންނަނީ ކޮވިޑް-19 ހާލަތާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި ބޭރުގެ ގިނަ މާލީ އިދާރާތަކާ އެކު މަޝްވަރާކޮށް މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ވެސް 290 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރެ އެވެ.