ޗެމްޕިއަންްސް ލީގުގައި އާދައިގެ ޓީމެއް ނުކުޅޭނެ: ޒިދާން
ޗެމްޕިއަންްސް ލީގުގައި އާދައިގެ ޓީމެއް ނުކުޅޭނެ: ޒިދާން

މެޑްރިޑް (އޮކްޓޯބަރު 18) - ޗެމްޕިއަންސް ލީގުގައި އާދައިގެ ޓީމެއް ނުކުޅޭނެ ކަމަށާއި މިރޭ ލެހިއާ ވޯސޯއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް އަތުން ރެއާލް މޮޅުވި މެޗުގެ ކުރިން އެ ޓީމު ކުޅުނު ހަތަރު މެޗުން ވެސްވީ އެއްވަރެވެ. ޕޮލެންޑުގެ ލީގު ޗެމްޕިއަންކަން ހޯދި ލެހިއާ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ޒިދާން ބުނީ މިރޭގެ މެޗަކީ މުޅިން އާ މެޗެއް ކަަމަށާއި ޔޫރަޕްގެ އެއްވެސް މެޗެއް ފަސޭހަކޮށް ނެގުމަކީ ހެދޭނެ ގޯހެއް ކަމަށެވެ.

"އަހަރެމެން މި ކުޅެނީ އެއް މުބާރާތެއްގައި. އެހެންވުމުން ވަކި ޓީމަކީ އާދައިގެ ޓީމެއްކަމަށް ނުދެކެން. މެޗުން މޮޅުވުމުގެ އޮތީ ހަމަހަމަ ފުރުސަތެއް. މިއީ 50-50 މެޗެއް،" ރެއާލުގެ ކޯޗު ޒިދާން ބުންޏެވެ.

ޒިދާން ވަނީ ފްރާންސްގެ ރައީސް ފްރާންސުއާ އޮލަންޑުގެ އޮޓޯބައިގްރަފީގައި ރެއާލްގެ ތަރި ކަރިމް ބެންޒެމާ އަށް ފާޑުކިޔާފައިވާތީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

"ކުރާ މަސައްކަތުގައި ފާޑުކިއުމަކީ އޮންނަ ކަމެއް. އެކަމަކު ކުޅުންތެރިއަކަށް ހުރިހާ ކަމެއްގައި ފާޑުކިއުމަކީ އެ ކުޅުންތެރިއަކަށް އަސަރުކުރާ ކަމެއް. އޮލަންޑްގެ ފާޑުކިއުންތަކުގެ ސަބަބުން ބެންޒެމާގެ ކުޅުމަށް އަސަރުކުރޭ،" ޒިދާން ބުންޏެވެ.

އޮރިޔާން ކާޑުގެ މައްސަލައެއްގައި ބްލެކްމެއިލް ކުރުމުގެ ސަބަބުން ފްރާންސްގެ ގައުމީ ޓީމުން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބެންޒެމާ އަށް ފުރުސަތު ނުދެ އެވެ. އޭގެ ފަހުން އަނިޔާގެ މައްސަލަތަކުގެ ސަބަބުންނާއި ފޯމު ގެއްލުމުގެ ސަބަބުން ބެންޒެމާގެ ކުޅުން ދަށްވި އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ބެންޒެމާ ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ.

ރެއާލް ދަނޑުގައި ލެހިއާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.