01 ޖޫން 2016 - 09:23

ވޮޝިންޓަން (ޖޫން 1) - އެމެރިކާގެ ސިންސިނާޓީގެ ޒުލަކުން ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކުރުމަށް ގޮރިއްލާއެއް މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ ތަހުގީގު ނިމުމުން، ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތު އޮތްތޯ ބަލާނެ ކަމަށް ޕްރޮސެކިޔުޓަރުގެ އޮފީހުގެ އޮފިޝަލަކު ބީބީސީ އަށް ވިދާޅުވި އެވެ.
ބަރުދަނުގައި 180 ކިލޯ ހުރި 17 އަހަރުގެ ގޮރިއްލާ ގަޔަށް ބަޑި ޖަހާ މަރާލީ ޒުލުގެ ތެރޭގައި ގޮރިއްލާ އުޅެން ޚާއްސަކޮށްފައިވާ ސަރަހައްދުގެ ބޮޑު ވަޅުގަނޑަކަށް ވެއްޓުނު ކުޑަ ކުއްޖާ ދަމައިގަނެގެން، ގެންގޮސް އެ ކުއްޖާގެ ފުރާނަ އަށް ނުރައްކާ ވެދާނެހެން ހީވުމުންނެވެ.
ޒޫ ބަލަހައްޓާ ފަރާތުން ވެސް ބުނެފައި ވަނީ ބަޑި ޖަހަން ޖެހުނީ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވުމުން ކަމަށެވެ. ނަމަވެސް، ޖަނަވާރުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އެ ޒުލުގެ އިހުމާލު މިކަމުގައި ވަރަށް ބޮޑު ކަމަށް ބުނެ ޝަކުވާ ހުށަހަޅައިފަ އެވެ.
ކުއްޖާ ވެއްޓުނު މައްސަލާގައި، އެ ކުއްޖާގެ މައިންބަފައިންނަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. ގޮރިއްލާ މަރާލުމުގެ ޒިންމާ އެ ކުއްޖާގެ މަންމަ އުފުލަންޖެހޭ ކަމަށް ބުނެ ހެދި އޮންލައިން ޕެޓިޝަނެއްގައި މިހާރު ވެސް 300،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއި ކޮށްފަ އެވެ.