ރިސޯޓު މުވައްޒަފުން ވަޒީފާ އަށް ދާން ހުއްދަ ދީފި
ރިސޯޓު މުވައްޒަފުން ވަޒީފާ އަށް ދާން ހުއްދަ ދީފި

ކޮވިޑް-19ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް ވެފައިވާ ރަށްރަށުގައި ތިބި ރިސޯޓުތަކުގެ މުވައްޒަފުންނަށް، ވަޒީފާ އަށް ދާން ބޭނުންވާ ނަމަ ސީދާ ރިސޯޓަށް ދިއުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައި ވާތީ އެގޮތަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ މޮނިޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް ނުވާ ރަށްރަށުން ވެސް ރިސޯޓަށް ދެވޭނެ ކަމަށާއި އެކަމަކު އެ ފަދަ ރަށްރަށުން ދާ މީހުންނަށް ވަޒީފާ އަށް ނުކުމެވޭނީ އެ ރިސޯޓެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށްފައި ކަމަށެވެ. އެހެން މީހުންނަށް، ރިސޯޓަށް ދާ ގޮތަށް ވަޒީފާ އަށް ނުކުމެވޭނެ އެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ދާން އެދޭ މީހުންގެ މައުލުމާތު އެޗްޕީއޭ އަށް ދޭންޖެހޭނެ ކަމަށެވެ. މި މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިން، 7223131 ނުވަތަ އެ މިނިސްޓްރީގެ އީމެއިލް[email protected]މެދުވެރިކޮށް ފޯރުކޮށްދެވޭނެ އެވެ.

ރިސޯޓު މުވައްޒަފުންގެ ތެރެއިން ވަޒީފާ އަށް ނުކުންނަން ޖެހޭ މުވައްޒަފުންގެ މައުލޫމާތު ރިސޯޓުތަކުން ވެސް ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވަން ޖެހޭނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ރިސޯޓުތައް ހުއްޓިފައި އޮތް ނަމަވެސް އަންނަ ޖުލައި މަހު ރިސޯޓުތައް އަލުން ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. ރިސޯޓްތައް ބަންދުކުރަން ޖެހުމާ އެކު ވަރަށް ގިނަ ރިސޯޓްތަކުން ވަނީ އެތައް މުވައްޒަފުންނެއް ވަޒީފާ އިން ވަކިކޮށް އަދި ބައެއް މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް ވެސް ފޮނުވައިފަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްވެފައި ވާތީ، ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދޭން ފަށައި އެކި ވިޔަފާރިތަކަށް ވެސް އަންނަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ހުއްދަތައް ދެމުންނެވެ.