މިއަދު ޕޮޒިޓިވްވީ 9، އިތުރު 36 މީހަކު ރަނގަޅުވެއްޖެ
މިއަދު ޕޮޒިޓިވްވީ 9، އިތުރު 36 މީހަކު ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް އިތުރު ނުވަ މީހަކު ޕޮޒިޓިވްވެ އަދި އިތުރު 36 މީހަކު މި ބަލިން ރަނގަޅުވެއްޖެ އެވެ.

މި އަދަދުތަކާ އެކު ރާއްޖޭން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،850 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 644 އަށް އަރައިފަ އެވެ. ބަލީގައި މިހާތަނަށް މަރުވީ ހަތް މީހެކެވެ.

މިއަދު ރަނގަޅުވި މީހުންގެ އަދަދާ އެކު ރާއްޖޭން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 34.81 ޕަސެންޓް މީހުން ވަނީ ރަނގަޅުވެފަ އެވެ.

ކޮވިޑް-19 އަށް ކުރާ ޓެސްޓްތަކުގެ ނަތީޖާ އެޗްޕީއޭ އިން މިހާރު އިއުލާނުކުރަނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން އަނެއް ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަ އަށް ނަތީޖާ ލިބޭ ސާމްޕަލްތަކުންނެވެ.

މިއަދު 6:00 އާ ހަމަ އަށް ބަލާއިރު މިހާރު ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 1،197 އެވެ. އައިސޮލޭޝަންގައި 1،248 މީހަކު ތިބި އިރު ކަރަންޓީނުގައި 1،484 މީހަކު އެބަ ތިއްބެވެ.

އިއްޔެ އާއި މިއަދަކީ މި ފަހަކަށް އައިސް އެންމެ މަދުން ޕޮޒިިޓިވް ކޭސްތައް ފެނުނު ދެ ދުވަހެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް މި ދެ ދުވަހު ގިނަ އެވެ.

އިއްޔެ 12 މީހަކު ޕޮޒިޓިވް ވެފައި ވާއިރު 120 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރި އެވެ. އޭގެ ކުރީ ދުވަހު 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވިޔަސް އޭގެ ތެރޭގަައި ގިނައީ އެއް ތަނެއްގައި ތޮއްޖެހިގެން އުޅޭތީ ކޮންޓެއިންޓެއިންމެންޓް ސައިޓެއްގެ ގޮތުގައި ބަލަހައްޓަމުން އަންނަ، ބިދޭސީން އުޅޭ ތަނަކުން ފެނުނު ކޭސްތަކާއި ކުރީގެ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުންނެވެ.

މިހާތަނަށް ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 608 އެވެ. ބަންގްލާދޭޝް މީހުންގެ އަދަދު 1،005 އަށް ވަނީ އަރައިފަ އެވެ. އަވަށްޓެރި އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ.

ރާއްޖޭން ކޮވިޑް-19 ފެނުނީ މީގެ 88 ދުވަސް ކުރިންނެވެ. އަދި އާންމުންގެ ތެރޭގައި މި ބަލި ފެތުރެން ފެށުމާ އެކު މާލެ ސަރަހަައްދު ލޮކްޑައުންކޮށް އެޅި ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ، ބަލި ޖެހޭ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވުމާ އެކު ލުއި ދޭން ފަށައިފަ އެވެ.