03 ޖޫން 2020 - 18:59

ގާނޫނުއަސާސީ އިސްލާހުކުރަން މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އެމްޑީޕީގެ މެމްބަރުންތަކެއް އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ޅ. ނައިފަރުގައި މިއަދު މުޒާހަރާ ކޮށްފި އެވެ.

ޝިޔާމަށް އަނިޔާވީ އެ ރޭ ދަންވަރު 1:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އަޑުގަދަ ކުރަން ފެއްޓެވުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނެރުމުގެ ތެރޭގަ އެވެ. އެމްޑީޕީގެ މެމްބަރުން ޝިޔާމް ނެރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެނދު ލާފައިވާތީ ހަތަރު ހަފުތާ އަށް އަރާމު ކުރުމަށް ޑޮކްޓަރުން އަންގައިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
ޝިޔާމަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިއަދު ހަވީރު ނައިފަރުގެ ޕީޕީއެމް ޖަގަހަ ކުރިމަތީގައި ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އެ މީހުން ތިބީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔައި ނައިފަރު ބަހުރުވައިން ލިޔެފައި ހުރި ބޯޑުތަކެއް ހިފައިގެންނެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު އަމަލުކުރައްވާ ގޮތާ މެދު ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ލިއެފައިވާ އިރު، ޝިޔާމަށް އަނިޔާކުރި މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލައި އިންސާފު ހޯދައިދޭން ވެސް ބޯޑުތަކުގައި ލިއެފައިވެ އެވެ.
ޝިޔާމަށް އަނިޔާވެރިވާއިރު އެ ރަށުގެ ރައްޔިތުން ބަލަން ނުތިބޭނެ ކަމަށް އޭނާގެ އުފަން ރަށުގައި ބޭއްވި މުޒާހަރާގައި ބޭނުންކުރި ބޯޑުތަކުގައި ލިއެފައިވެ އެވެ.
ނައިފަރުގެ ފަސް ކައުންސިލަރުންގެ ތެރޭގައި ހިމެނޭ ހަމައެކަނި ޕީޕީއެމްގެ މެމްބަރު އަބްދުﷲ ސާމިރު، "މިހާރު" އަށް ވިދާޅުވީ އެ މުޒާހަރާގައި 400 އެއްހާ މީހުން ބައިވެރިވި ކަމަށެވެ. އެ މީހުން ގޮވާލީ މެމްބަރު ޝިޔާމަށް އަނިޔާ ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދިވެސް މިފަދަ އެއްވުންތައް އަޅުގަނޑުމެން ބާއްވާނަން. އަޅުގަނޑުމެންގެ މެމްބަރަށް އެގޮތަށް އަނިޔާ ކުރާއިރު އަޅުގަނޑުމެން އެކަމަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާނަން،" ސާމިރު ވިދާޅުވި އެވެ.
ޝިޔާމާ ދޭތެރޭގައި މަޖިލީހުން އިހުމާލު ވެފައިވާ ކަމަށާއި އެކަން ދުވަހަކު ވެސް އެ ރަށު ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ވާހަކަ ދައްކަމުން ބުނެފަ އެވެ. އަދި އެ އަނިޔާ ދިނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކަމަށް ބުނެ ނަޝީދަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔައިފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައިވަނިކޮށް އެގޮތަށް މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ.
އެކަމާ ގުޅޭގޮތުން ސާމިރު ވިދާޅުވީ އެޗްޕީއޭން ފަހުން އިއުލާން ކުރި ގައިޑްލައިންގައި ބުނާގޮތުން ނަމަ، ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްރަށުގައި އިޖުތިމާއީ ހަރަކާތްތަކާއި ކުޅިވަރު ފަދަ ކަންކަން ބޭއްވޭނެ އެވެ. އެހެންކަމުން އެ މުޒާހަރާ ބޭއްވީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށާއި މުޒާހަރާގެ ހުރިހާ ބައިވެރިންވެސް ތިބީ މާސްކް އަޅައިގެން ދުރުދުރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމީރު އެހެން ވިދާޅުވި ނަމަވެސް ފޮޓޯ ތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން ތިބީ ގައިދުރުކަން ބަހައްޓައިގެނެއް ނޫނެވެ.
މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ މެމްބަރުން ނުކުތުމަށް ދެކޮޅު ހަދާނަމަ މީގެ ކުރިން އެ މެމްބަރުން ތަޅުމުން ނެރެމުން އައީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށެވެ. ނަމަވެސް އެ ރޭ ޝިޔާމް މަޖިލީހުން ނެރުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންނަށް އެންގެވުމުން އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.