03 ޖޫން 2020 - 17:31

ރުގުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކި ކަހަލަ ގެއްލުން ދެމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކު ވެފައިވޭތޯ ބަލުމަށް އެ މީހާގެ މައުލޫމާތު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި ރުގުޔާގެ ނަމުގައި އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށު، ބުޗާގެ، މުހައްމަދު ނަސްރުﷲ، 55، އަށެވެ. އޭނާގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
އޭނާގެ ފަރާތުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ނަމަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9792358 އަށް ގުޅުމަށް ފުލުހުން އެދެ އެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ސިހުރު ހެދުމާއި ރުގްޔާ ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައިން ހުށަހަޅާ ކަަމަށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ ބުނެފަ އެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އޭރު ވިދާޅުވީ ޖިންސީީ ގޯނާކުރުމުގެ މައްސަލަ ބޮޑަށް އަންނަނީ ސިހުރު ހެދުމުގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާއޫދު ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތަކަށް ސަމާލުވާން ފުލުހުން އިރުޝާދު ދިން ނަމަވެސް ބައެއް މީހުން އެ އަޑުނާހާ ސިހުރުވެރިންގެ ގާތަށް ދެ އެވެ.