03 ޖޫން 2020 - 19:08

އައިޖީއެމްއެޗާއި ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް ވުރެ ވަކި ރަނގަޅަށް މަސަައްކަތް ކުރައްވާ ބަޔަކާ މީގެ ކުރިން ބައްދަލުނުވާ ކަމަށް ވިދާޅުވެ، ސައުތު އެފްރިކާގެ މާހިރު، ޑރ. ބްރޫސް ސްޓޯވާ ރާއްޖޭގެ ހިދުމަތްތެރިންނަށް މިއަދު ތައުރީފުކުރައްވައިިފި އެވެ.
ކްރިޓިކަލް ކެއާ ދިނުމަށް މީހުން ތަމްރީނު ކުރެއްވުމުގައި އަހަރުތަކެއް ހޭދަކުރައްވާފައިވާ ޑރ. ބްރޫސް އަކީ ކޮވިޑް-19 ފެތުރި ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހިދާނެ ހާލަތަަކަށް ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރަން ޓޫރިޒަމް މިނިސްޓްރީގެ އެހީގައި ރާއްޖެއަށް ގެނައި މާހިރެކެވެ. އޭނާ އިސްވެ ހުންނަވައިގެން ހިންގި ތަމްރީނު ޕްރޮގްރާމް ނިންމައިލުމަށް ފަހު އެ ކަމާ ބެހޭ ތަފްސީލް ދިނުމަށް ނެޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އޭނާ ވިދާޅުވީ ރާއްޖޭން ފެނުނު ނަރުހުންނާއި ޑޮކްޓަރުންނަށް ވުރެން މަަސައްކަތުގެ ފެންވަރު ރަނގަޅު ބަޔަކު އޭނާގެ ހަޔާތުގައި ދެކެވަޑައިގެންފައި ނުވާ ކަމަށެވެ.
"އައިސީޔޫގައި އަޅުގަނޑު ހޭދަކުރި ދެ ހަފުތާގެ ތެރޭގައި ބައްދަލުވި ނަރުހުންނަށް ވުރެ ރަނގަޅު ބައެއް އަޅުގަނޑުގެ ހަޔާތުގައި ވެސް ނުދެކެން. އައިސީޔޫ އަށް ވަދެ ނުކުމެ އުޅުނު ޑޮކްޓަރުން ވެސް،" ޑރ. ބްރޫސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަންތައްތައް ދަސްކުރުމާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބުމުގައި ވެސްް ރާއްޖޭގެ ހިދުމަތްތެރިންނަކީ ނަމޫނާ ބައެކެވެ.
ބްރޫސްއާ އެކު ޕްރެސް ބްރީފިންގައި ބައިވެރިވެވަޑައިގަތް އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ޑިޕާޓްމެންޓުގެ ހެޑް، ޑރ.މޫސާ ހުސައިން ވިދާޅުވީ ޑރ. ބްރޫސްއާއި ބޭރުގެ އެހެން މާހިރުންގެ އެހީގައި ހިންގި ތަމްރީނު ޕްރޮގްރާމްގައި ނަރުހުންނާއި ޑޮކްޓަރުން ހިމެނޭ ގޮތުން ގާތްގަނޑަކަށް 600 މީހުން ތަމްރީނުކޮށްފައިވާ ކަމަށެވެ. ސިއްހީ ހިދުމަތްތެެރިން ތަމްރީނުނުކުރުމަކީ އަބަދުވެސް ކުރިއަށްދާ ކަމެއް ކަމަށާއި އަލަށް ހޯދޭ ހޯދުންތަކުގެ މައުލޫމާތު މިހާރު ވެސް ދެމުން އަންނަ ކަަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭ ހާލަތަށް، އިންސާނީ ވަސީލަތްތަކުގެ ގޮތުން ރާއްޖޭގެ ގާބިލުކަން ހުރި ވަރާއި ތައްޔާރުވެފައިވާ މިންވަރާ ބެހޭ ގޮތުން ސުވާލުކުރުމުން ޑރ. ބްރޫސް ވިދާޅުވީ "އަންނާނީ ކޮން ކަމެއް ކަން" ކޮންމެވެސް ވަރަކަށް އެނގޭ ޑޮކްޓަރެއް ނެތް ރަށެއް މިހާރު އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ
"ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ބަލާ ނަމަ އަޅުގަނޑަކަށް ހީއެއް ނުވޭ ހުރިހާ ރަށެއްގައި ތިބި ޑޮކްޓަރުންނަށް ވެސް މައުލޫމާތު ނުދެވި އޮތް ހެނެއް. އެހެންވީމާ އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަންނަން އުޅެނީ ކޮންކަމެއްކަން [ކޮވިޑް-19 ޖެހިގެން ކުރިމަތިވާނީ ކޮން ކަމެއްކަން]،" އެނާ ވިދާޅުވި އެވެ.