އައިކާއޯގެ ކޮވިޑް ގަވައިދަށް އަމަލުކުރަން އެއާލައިންތަކުން އެދިއްޖެ
އައިކާއޯގެ ކޮވިޑް ގަވައިދަށް އަމަލުކުރަން އެއާލައިންތަކުން އެދިއްޖެ

އިންޓަނޭޝަނަލްް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ އުސޫލުތަކާ އެއްގޮތަށް ވައިގެ ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް ދުނިޔޭގެ އެއާލައިންތަކުގެ ޖަމިއްޔާ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އިން އެދިއްޖެ އެވެ.

އައިއޭޓީއޭގެ ނޫސްބަޔާނެއްގައި ބުނީ، އައިކާއޯ އިން ނެރެފައިވާ "ގައިޑެންސް ފޯ އެއާ ތްރޫ ދަ ކޮވިޑް-19 ޕަބްލިކް ހެލްތް ކްރައިސިސް" އުސޫލަކީ މި ހާލަތުގައި ދަތުރުފަތުރު ކުރުމުގައި އަމަލު ކުރާނެ ގޮތްތައް ތަފްސީލުކޮށް ބަޔާން ކޮށްފައިވާ ގަވައިދެއް ކަމަށެވެ.

"މި ހާލަތުގައި އިގްތިސާދުތައް ހުޅުވައިލާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއްގޮތަކަށް ހުރިހާ އެއާޕޯޓެއްގައި ވެސް ހުރުން ވަރަށް މުހިއްމު. އަދި މިއަށް އެއާލައިންތަކުން ފުރިހަމަ އަށް ތާއީދު ކުރަން،" އައިއޭޓީއޭގެ ސީއީއޯ އެލެކްސެންޑްރާ ޑި ޖޫނިއެކް ވިދާޅުވި އެވެ.

އައިއޭޓީއޭ އަކީ އެއާލައިންތަކުން ހިމެނޭ ގޮތަށް އުފައްދާފައިވާ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާ އުފައްދާފައި ވަނީ 1945 ވަނަ އަހަރު އެވެ. އެ ޖަމިއްޔާގައި 280 އަށް ވުރެ އެއާލައިނުން ބައިވެރިވެފައި ވެ އެވެ. އެހެންކަމުން ގާތްގަނޑަކަށް ދުނިޔޭގެ އެއާޓްރެފިކްގެ 82 ޕަސެންްޓް ކޮންޓްރޯލް ކުރަނީ އައިއޭޓީއޭ އިންނެވެ.

އެލެކްސެންޑްރާ ވިދާޅުވި ގޮތުގައި، މިގޮތަށް އަމަލުކޮށްފި ނަމަ މި ހާލަތުގައި ދަތުރުފަތުރު ކުރުމުގައި ދަތުރުވެރިންގެ އިތުބާރު ހޯދަން ފަސޭހަވެ، ދުނިޔޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް އެހީތެރިވެވޭނެ އެވެ.

އައިކާއޯގެ ގަވައިދުގައި، ދަތުރު ކުރުމުގައި އަމަލުކުރާނެ މުހިއްމު ގިނަ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދަތުރު ކުރުމުގައި ސޯޝަލް ޑިސްޓެންސިން ގެންގުޅެން ޖެހޭނެ ގޮތްތަކާއި މާސްކް އަޅައިގެން ދަތުރު ކުރުމާއި ދަތުރު ކުރުމުގެ ކުރިން، އެ އަށް ފަހު ވެސް ހެލްތު ސްކްރީން ކުރުމުގެ އުސޫލުތައް ހިމެނެ އެވެ.

މީގެ އިތުރުން، ކޮންޓެކްޓް ޓްރޭސިން އަށް ފަސޭހަ ކުރުމަށްޓަކައި، ދިމާވާ މީހުންގެ މައުލޫމާތުތަކާއި ދަތުރުކުރާ މީހުންނާއި އޭވިއޭޝަން މުވައްޒަފުންނާ ދިމާވާ މީހުންގެ ރެކޯޑުތައް ބެލެހެއްޓުމާއި ދަތުރުކުރާ ހުރިހާ ފަސިންޖަރުން ސެލްފް ކޮވިޑް-19 ބަލިން ރައްކާތެރިވެފައިވާ ކަމުގައި ހާއްސަ ލިޔުމެއް ހުށަހެޅުން ހިމެނެ އެވެ. ކޮވިޑް-19 އަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ބެލެހެއްޓުން ވެސް އެ ގައިޑްލައިންގައި ހިމަނާފައި ވެ އެވެ.

އެލެކްޒެންޑްރާ ވިދާޅުވީ، އައިއޭޓީއޭ އިން އޭވިއޭޝަން އިންޑަސްޓްރީގެ ހުރިހާ އިދާރާއަކާ އެކު މަސައްކަތް ކުރުމަށް ތައްޔާރު ކަމަށާއި ދަތުރުފަތުރު ކުރުމުގައި ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެންމެ ރަނގަޅަށް ފުރިހަމަ ވެފައި ހުރުން މުހިއްމު ކަމަށެވެ.