އެސިސްޓެންޓް ޕީޖީގެ މަގާމަށް ރާބިއު ހަމަޖައްސައިފި
އެސިސްޓެންޓް ޕީޖީގެ މަގާމަށް ރާބިއު ހަމަޖައްސައިފި

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އިތުރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އެސިސްޓެންޓް ޕީޖީގެ މަގާމަށް، އެ އޮފީހުގައި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ ގޮތުގައި މިހާތަނަށް ހުންނެވި އަބްދުﷲ ރާބިއު ހަމަޖައްސާފައިވާ ކަމަށެވެ.

އޭނާ ގާނޫނީ ދާއިރާއިން ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ ފެބްރުއަރީ 18، 2009 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމެވެ. ރާބިއު އަކީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ތެރެއިން މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ވަކީލެވެ.

ރާބިއު ވަނީ ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލަ ގެންގުޅުއްވި މައްސަލަ ވެސް ހިމެނެ އެވެ.

މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީ، ވިލާ ކޮލެޖުން ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ރާބިއުގެ އިތުރުން އެސިސްޓެންޓް ޕީޖީންގެ ގޮތުގައި މިހާރު ތިއްބެވީ ހުސެއިން ނާޝިދާއި ޖިހާދާ އަނީސް އަދި ޝަމްރާ ޝަމީމެވެ.