ސްކޫލްތަކަށް 12،000 އަށް ވުރެ ގިނަ ސައިބޯނި ފުޅި ހޯދަން އިއުލާނުކޮށްފި
ސްކޫލްތަކަށް 12،000 އަށް ވުރެ ގިނަ ސައިބޯނި ފުޅި ހޯދަން އިއުލާނުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާތާ ގިނަ ދުވަސްތަކަކަށް ފަހު، އަލުން ކިޔަވައިދޭން ފަށަންވާއިރަށް ސްކޫލްތަކަށް 12،000 އަށް ވުރެ ގިނަ އަތްދޮންނަ ފުޅި ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ "ސްކޫލު ވޮޝް ޕްރޮގްރާމް" ގެ ދަށުން ކްލާސްރޫމްތަކުގައި އަތްދޮންނަން 500 އެމްއެލްގެ 12،500 ސައިބޯނި ފުޅި ބޭނުންވާ ކަމަށެވެ. އެކަމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ބީލަން ހުށަހެޅޭނެ އެވެ.

ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އަންނަ ހޮނިހިރު ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރަން ޖެހެ އެވެ. ބީލަމަށް ކުރިމަތިލެވޭނީ މި މުއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށެވެ.

ރާއްޖެ އަށް ވެސް ފެތުރިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ގިނަގިނައިން އަތް ދޮވުމާއި އަތް ސެނިޓައިޒް ކުރުމެވެ.

"ނިއު ނޯމަލް" ގައި ކިޔަވައިދޭން ތައްޔާރުވަމުން އަންނައިރު ސަރުކާރުން ބުނެފައިވަނީ އެންމެ އަވަހަށް ވެސް ސްކޫލުތައް ހުޅުވާނީ މި މަހުގެ 14 ގައި ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅޭނީ ބަންދު ދުވަސްތަކަށް ފަހު ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވީ މި އަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ބުނާ ފުރަތަމަ ޓާމްގެ ބަންދު ދުވަސްތަކަށެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ ބަންދަކީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 11 އާ ހަމައަށެވެ. އެ ބަންދަށް ފަހު ދެ ވަނަ ޓާމަށް ސްކޫލްތައް ހުޅުވަން ކަލަންޑަރުގައި ކަނޑައަޅާފައި ވަނީ މި މަހުގެ 14 އެވެ.

ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފަ އެވެ.