03 ޖޫން 2020 - 12:57

މިހާރު ހަލުއިކަމާ އެކު ފެތުރެމުންދާ ނުރައްކާތެރި ބަލި، ކޮވިޑް-19 ރާއްޖޭގައި ކުޑަކުދިންނަށް ޖެހޭ އަދަދު، އެހެން ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން ގިނަ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭން ކޮވިޑް-19 ޖެހުނު ކުޑަކުދިންގެ އަދަދު މިހާރު ވަނީ 100 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިން ގިނަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ކޮންމެ ދުވަހަކުހެން، އާއްމު ގޮތެއްގައި 40 އަށް ވުރެ ގިނަ މީހުން ރިޕޯޓު ކުރެ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ނުހިމެނޭ ދުވަހެއް ވަރަށް މަދެވެ.
ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދި ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ޖެހިގެން، މިހާތަނަށް ހޮސްޕިޓަލުގައި ބޭއްވީ ދެ ކުދިން ކަމަށެވެ. އަދި އެ ދެ ކުދިންނަކީ ވެސް، އަށް މަސް ނުފުރޭ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ދެ ކުދިންގެ ގަޔަކު ވެސް ރޯގާގެ އަލާމާތެއް ނެތެވެ. އެކަމަކު ހުން ހުރި ކަމަށާއި އެއް ކުއްޖަކު ހޮޑުލައި ބޭރަށް ހިންގި ކަމަށް ވިދާޅުވި އެވެ. އާއިލާއާ އެކު ޕޮޒިޓިވްވި އެ ދެކުދިންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާގެ އުމުރަކީ 11 ދުވަހެވެ. އަދި ދެ އަހަރުން ދަށުގެ 6 ކުއްޖަކަށް ވަނީ މި ބަލި ޖެހިފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 15 ގައި، މާލެ ތެރެއިން ބަލީގެ ފުރަތަމަ ކޭސް ފެނުނު ފަހުން މިހާތަނަށް، 1،800 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ.