ދަތުރަށް ފަހު ޕައިލެޓް ރަނޭގެ ހުރިހާ ވަގުތެއް ޝީލްޑް ހެދުމުގައި
ދަތުރަށް ފަހު ޕައިލެޓް ރަނޭގެ ހުރިހާ ވަގުތެއް ޝީލްޑް ހެދުމުގައި

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ބޭރާއި އެތެރޭގެ އުދުހުންތައް މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެކަމަކު ދަތުރުތައް މަދުވުމުން، މޯލްޑިވިއަންގެ ސީނިއާ ޕައިލެޓް މުހައްމަދު ރަނޭޝް އަށް ލިބޭ ހުސްވަގުތުތައް އޭނާ ހޭދަ ކުރަމުން އަންނަނީ، އެކިގޮތްގޮތުން ކޮވިޑް-19އާ ހަނގުރާމަ ކުރަމުން އަންނަ މީހުންނަށް އެހީވުމަށެވެ. ކުރާ މަދު ދަތުރުތަކަށް ފަހުގައި ވެސް ރަނޭޝް، ގޭގައި އާއިލާއާ އެކު ކުރާ މަސައްކަތަކީ ބަލިން ރައްކާތެރިވުމަށް ބޭނުން ކުރާ ފޭސް ޝީލްޑް ހެދުމެވެ.

ދަތުރަށް ފަހު ޕައިލެޓް ރަނޭގެ ހުރިހާ ވަގުތެއް ޝީލްޑް ހެދުމުގައި
ދަތުރަށް ފަހު ޕައިލެޓް ރަނޭގެ ހުރިހާ ވަގުތެއް ޝީލްޑް ހެދުމުގައި

ޕައިލެޓެއްގެ ގޮތުގައި 22 އަހަރު މަސައްކަތް ކޮށްފައިވާ ރަނޭޝް މިހާތަނަށް 2،500 އެއްހާ ޝީލްޑް ހަދައިފި އެވެ. އެ ތަކެތި އޭނާ ވަނީ އައިޖީއެމްއެޗާއި މޯލްޑިވިއަން އާއި ޑިޒަސްޓާ މެނޭޖްމެންޓާއި ފުލުހުން ފަދަ މުއައްސަސާތަކަށް ހަދިޔާކޮށްފަ އެވެ.

ދަތުރަށް ފަހު ޕައިލެޓް ރަނޭގެ ހުރިހާ ވަގުތެއް ޝީލްޑް ހެދުމުގައި
ދަތުރަށް ފަހު ޕައިލެޓް ރަނޭގެ ހުރިހާ ވަގުތެއް ޝީލްޑް ހެދުމުގައި

"ދަތުރުތައް މަދުވުމުން ހުރިހާ ވަގުތެއްގައި މި އުޅެން ޖެހެނީ ގޭގައި. އެހެންވެ ބޭނުންވީ މިފަދަ ވަގުތެއްގައި ގައުމަށް އެހީވުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަން. އެހެން ހިތައި، އިންޓަނެޓުން އާ އެއްޗެހި ބަލަމުން ދަނިކޮށް އައި ހިޔާލެއް މިއީ ފޭސް ޝީލްޑް ހެދުން،" މުޅިން އަލަށް ކުރަން ފެށި އެ މަސައްކަތާ ގުޅޭގޮތުން ރަނޭޝް ބުންޏެވެ.

ދަތުރަށް ފަހު ޕައިލެޓް ރަނޭގެ ހުރިހާ ވަގުތެއް ޝީލްޑް ހެދުމުގައި
ދަތުރަށް ފަހު ޕައިލެޓް ރަނޭގެ ހުރިހާ ވަގުތެއް ޝީލްޑް ހެދުމުގައި

ފޭސް ޝީލްޑް ހެދުމުގައި އޭނަ ބެލީ މާލެ އިން ފަސޭހައިން ގަންނަން ލިބޭ ތަކެތި ހޯދުމަށެވެ. ބައިންޑިން ލެމިނޭޓް ޕްލާސްޓިކް ޝީޓާއި ޔޯގާ މެޓާއި އިލާސްޓިކް ބޭނުންކޮށްގެން އެ މަސައްކަތް ފެށީ، އަންހެނުންނާއި ދެ ދަރިންގެ އެހީތެރިކަމާ އެކު އެވެ. އެންމެ ފުރަތަމަ އެކަން ފެށީ، ރޯދަ މަހު ހެނދުނު ކުރާ ކަމެއްގެ ގޮތުގައި ނަމަވެސް ފަހުން އޯޑަރުތައް ގިނަވެ، ދުވާލުގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކުރަން ޖެހުނެވެ.

މޯލްޑިވިއަނުން ޗާޓަރު ދަތުރުތައް ފެށުމުން، ރަނޭޝް އަށް ވެސް މަސައްކަތަށް ނުކުންނަން ޖެހެ އެވެ. އެކަމަކު ދެން ލިބޭ ހުސް ވަގުތައް ވެސް އޭނާ ހުސްކުރަނީ ޝީލްޑް ހެދުމަށެވެ. ފޭސް މާސްކަކީ ކުޑަކުދިންނަށް އެންމެ ރައްކާތެރި އެއްޗަކަށް ނުވުމުން، ރަނޭޝްގެ އާއިލާއިން މިހާރު ހަދާ ޝީލްޑްތައް ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ.

ގައުމީ ވޮލީބޯޅަ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވާންދެން ކުޅުނު ސެޓަރު، ރަނޭޝް ބުނިގޮތުގައި ކުޑަކުދިންގެ ފޭސް ޝީލްޑް ހަދަނީ އެ ކުދިން ވެސް ގަޔާވާނެ ގޮތަކަށް ކާޓޫން ކެރެކްޓާތައް ހިމަނައިގެންނެވެ. އަދި މިއީ މި ބަލިމަޑުކަމުގައި އެ ކުދިންނަށް ރައްކާތެރި އެއްޗަކަށް ވާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

ރާއްޖެ އަށް ޓޫރިސްޓުން އައުން ހުއްޓިފައިވާތީ ދަތުރުތައް ކުރަން ނުޖެހި، ލިބޭ ހުސްވަގުތުތައް ރަނޭޝް އަށް އާއިލާއާ އެކު އެހެން ކަންކަމަށް ވެސް ހޭދަ ކުރަވުނީހެވެ. އެކަމަކު އޭނާގެ ނަޒަރުގައި މިއީ ކޮންމެ މީހަކު ވެސް ގައުމަށް އެހީތެރިވާންވީ ވަގުތެވެ.

"އަޅުގަނޑު ދެކޭގޮތުގައި ގައުމަކީ ފުރާނަ ނެތް މަސްގަނޑެއް. ފުރާނައަކީ ގައުމުގެ ރައްޔިތުން. އެހެންވެ، ހާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ގައުމު ދިރިއޮންނާނީ ރައްޔިތުން ގައުމަށް ކޮށްދިން ކަމަކުން،" ރަނޭޝް ބުންޏެވެ.

މިއީ އޭނާ މާލީ ފައިދާއެއް ހޯދުމަށް ކުރާ ކަމެއް ނޫނެވެ. އެހެންވެ، ފޭސް ޝީލްޑެއް ހެދުމަށް ހަރަދުވާ 25 ރުފިޔާ ނޫން އިތުރު އަގެއް ނުނަގަ އެވެ. ފޭސް ޝީލްޑް ހޯދަން ބޭނުންވާ މީހުން، އޭނާގެ ނަންބަރު 7785184 އަށް ގުޅަން ރަނޭޝް އެދެ އެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާއިރު، ފަރުދީ ގޮތުން ގިނަ ބަޔަކު އަންނަނީ އެހީތެރިކަން ދެމުންނެވެ. ފޭސް މާސްކާއި ޝީލްޑް ހަދައި، އެކި މުއައްސަސާތަކަށް އަންނަނީ ހަދިޔާ ކުރަމުންނެވެ. ހިތާމަވެރި މި ދަނޑިވަޅު، އާއްމުންގެ ގިނަ ބައެއްގެ ފަރާތުން ފެންނަނީ އެއްބައިވަންތަ ކަމާއި އޯގާވެރިކަމެވެ.