މަނީ ރަތުނަމްގެ "ރޯޖާ" ގެ ދެވަނަ ބައެއް ހަދަނީ؟
މަނީ ރަތުނަމްގެ "ރޯޖާ" ގެ ދެވަނަ ބައެއް ހަދަނީ؟

މީގެ 28 އަހަރު ކުރިން ޑައިރެކްޓަރު މަނީ ރަތުނަމް ގެނެސްދިން ކާމިޔާބު ފިލްމު "ރޯޖާ" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި "ޕޮނިޔިން ސެލްވަން" ކިޔާ ތާރީހީ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ދާދި ފަހުން ފަށާފައިވާ ޑައިރެކްޓަރު، އެ ފިލްމުގެ ކުރިން "ރޯޖާ" ދެވަނަ ބައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައި އޭގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

"ރޯޖާ" އަކީ 1992 ގައި ރިލީޒްކޮށް، ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ރޮމޭންޓިކް ތުރިލާގެ ލީޑް ރޯލް ކުޅެފައި ވަނީ އަރުވިންދު ސުމާވީ އާއި މަދޫ އެވެ. މީގެ އިތުރުން ޝާހިދު ކަޕޫރްގެ ބައްޕަ ޕަންކަޖް ކަޕޫރް ވެސް ފިލްމުގެ މުހިއްމު ރޯލެއް ކުޅުނެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ދެވަނަ ބައިން ވެސް އަރުވިންދު ސުވާމީ ފެންނާނެ އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ޒުވާން އެކްޓަރު ދަލްގޫރް ސަލްމާނަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ނަމަވެސް "ރޯޖާ 2" އާ ބެހޭ ގޮތުން ރަތުނަމް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އާންމުކޮށް ތަމަޅަ ފިލްމު ޑައިރެކްޓްކުރާ ރަތުނަމް ގެނެސްދީފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި 2010 ގެ "ރާވަން" އާއި 2007 ގެ "ގުރޫ"، 1995 ގެ "ބޮމްބޭ" އަދި 1998 ގެ "ދިލް ސޭ" ފާހަގަކޮށްލެވެ އެވެ.

އޭނާ އުންމީދީ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި "ޕޮނިޔިން ސެލްވަން" ރަސްމީކޮށް، އިއުލާންކޮށް އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ވަރުގަދަ ކާސްޓެއް ހިމެނޭ އެ ފިލްމުގެ ބަތަލާ އަކީ އައިޝްވާރިއާ ރާއީ އެވެ.