18 އޮކްޓޯބަރ 2016 - 11:03

އޮރިއްސާ (އޮކްޓޯބަރު 18) - އިންޑިއާގެ އިރުމަތީގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 20 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އޮރިއްސާ ސްޓޭޓުގެ ބުބަނެސްވާރުގެ އެސްޔޫއެމް ހޮސްޕިޓަލުގައި އަލިފާން ރޯވީ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގަ އެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ވަރަށް ގިނަ ބަލި މީހުން ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. ގިނަ މީހުން މަރުވެފައި ވަނީ ވިހަ ދުމަށް ނޭވާލައިގެންނެވެ. މި ހާދިސާގައި ޒަޚަމްވި 100 މީހުންގެ ތެރޭން ގިނަ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށްވެ އެވެ.

ހޮސްޕިޓަލުގައި ރޯވި އަލިފާން ނިންވާލުމުގައި ވަނީ 120 މީހުން ހަރަކާތްތެރިވެފަ އެވެ. ހޮސްޕިޓަލުގެ ބައެއް މީހުންނާ ހަވާލާދީ މަންޒަރު ދުށް މީހުން ބުނެފައި ވަނީ އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އައިސީޔޫގައި ރޯވި އަލިފާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ޑައިލިސިސް ޔުނިޓަށް ވެސް ފެތުރިފަ އެވެ. އަދި ބިރުގެންފައި ތިބި ބައެއް ބަލި މީހުން ވަނީ ހޮސްޕިޓަލުގެ ކުޑަ ދޮރުތަކުން ފުންމާލުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ.
އަލިފާނުގެ ހާދިސާ އަށް ފަހު ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވަނީ ވަރަށް ބޮޑަށް ހިތާމަ ފާޅުކުރައްވައިފަ އެވެ.
އިންޑިއާގެ އިރުމަތީގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި 2011 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެސް ވަނީ 89 މީހުން މަރުވެފަ އެވެ.